ޝޯމީން 1 ޕައުންޑަށް ފޯނު ވިއްކި ޕްރޮމޯޝަނެއްގެ މައްސަލަ ބޮޑުވެއްޖެ
ޝޯމީން 1 ޕައުންޑަށް ފޯނު ވިއްކި ޕްރޮމޯޝަނެއްގެ މައްސަލަ ބޮޑުވެއްޖެ

ޗައިނާގެ ޝޯމީ ކުންފުނިން އިނގިރޭސި ވިލާތުގައި ހިންގި ޕްރޮމޯޝަނެއްގައި އެއް ޕައުންޑަށް ފޯނު ވިއްކި ގޮތުން ކަސްޓަމަރުންގެ ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން އެ މައްސަލަ ތަހުގީގުކުރާ ހިސާބަށް ހިނގައްޖެ އެވެ.

"ފްލޭޝް ސޭލް" އެއް ކަމަށް ބުނެ ޝޯމީން ވަނީ މިދިޔަ ހަފުތާގައި އެ ކުންފުނީގެ ދެ މަރުކާއެއްގެ ފޯނު އިނގިރޭސި ވިލާތުގައި އެއް ޕައުންޑަށް ވިއްކައިފަ އެވެ. އެކަމަކު މި ފޯނުތައް ވިއްކި ވެބްސައިޓުގައި ކޮންމެ ވައްތަރަކުން ވިއްކާފައި ވަނީ ދެތިން ފޯނު ކަމަށް ފަހުން ވަނީ އެނގިފަ އެވެ.

މި "ކްރޭޒީ ޑީލް" ފެށުމާ އެކު ވެބްސައިޓުގައި ޖަހާފައި އޮތީ ވިކި ހުސްވެއްޖެ ކަމަށެވެ. ކަސްޓަމަރުން ބުނަނީ މިގޮތަށް އޮޅުވާލައިގެން އިސްތިހާރުކޮށްގެން ނުވާނެ ކަމަށެވެ.

އިސްތިހާރުކުރުމާ ބެހޭ މައްސަލަތައް ބަލާ އޮފީހުން ބުނީ މި ޕްރޮމޯޝަނާ ބެހޭ ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރުމާ ބެހޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ޝޯމީން ބުނީ މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުން ހިތްހަމަނުޖެހޭ ކަމެއް ދިމާވި ކަމަށް ނުދެކޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހިންގާ މިފަދަ ޕްރޮމޯޝަންތަކަށް ވެސް ތަރުހީބު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"މިކަހަލަ ފްލެޝް ސޭލްތައް އަހަރެމެން އެކި ގައުމުތަކުގައި އަބަދުވެސް ހިންގަން. އެގޮތުން އެންމެ ފުރަތަމަ ސޭލް ބޭއްވީ 2103 ވަނަ އަހަރު. މިއީ އަހަރެމެން ވިއްކާ ސްމާޓްފޯން އާދަޔާ ޚިލާފު ހެޔޮ އަގެއްގައި ކޮންމެވެސް ބަޔަކަށް ލިބޭނެ ގޮތެއް ހަދަން ހިންގާ ޕްރޮމޯޝަނެއް. މި ފޯނު ލިބޭނީ ވަރަށް މަދު ނަސީބުވެރިންނަށް،" ޝޯމީގެ ތަރުޖަމާނާ ހަވާލާދީ ބީބީސީން ބުންޏެވެ.

އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުން މި ސޭލަށް ލިބުނީ ލަފާކޮށްފައި ނުވާ ވަރުގެ ބޮޑު ތަރުހީބެއް ކަމަށެވެ.

"ޝޯމީގެ ފޭނުންގެ ތެރެއިން މި ނުލިބުނު ކަސްޓަމަރުންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން. އުންމީދުކުރަނީ ދެން ބާއްވާ ފްލެޝް ސޭލެއްގައި އެ މީހުން ބައިވެރިވާނެ ކަމަށް."

ޝޯމީގެ ވިޔަފާރި މޮޑެލް ބިނާކޮށްފައި އޮންނަނީ ކުޑަ ފައިދާއެއްގައި ގިނަ އެއްޗެހި ވިއްކައިގެން ނަފާ ހޯދަން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.