ބަޔާންގެ ކޯޗަކަށް ޒިދާން ގެންނަން މަސައްކަތް ކުރަނީ
ބަޔާންގެ ކޯޗަކަށް ޒިދާން ގެންނަން މަސައްކަތް ކުރަނީ

މިއުނިކް (ނޮވެމްބަރު 14) - ބަޔާން މިއުނިކްގެ ކޯޗަކަށް ރެއާލް މެޑްރިޑަށް ކުރިން އިރުޝާދުދިން ފްރާންސްގެ ޒިނެދިން ޒިދާން ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ރެއާލަށް ޖެހިޖެހިގެން ތިން ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިންތާ މާ ގިނަ ދުވަސްތަކެއް ނުވެ ޒިދާން ވަނީ ރެއާލް ކޯޗުކަމުން އިސްތިއުފާދީފަ އެވެ. ޒިދާން ގެންނަން ޕީއެސްޖީން ވެސް ވަނީ މި ސީޒަން ފެށުމުގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އަދި ދާދި ފަހުން ރެއާލުން ވެސް ވަނީ އަލުން ޒިދާން ގެންނަން މަޝްވަރާތަކެއް ބާއްވައިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް މި ސީޒަނުގައި އެ ޓީމާ އެކު ނަތީޖާ ނުނެރޭވޭތީ އެ ޓީމާ ޒިދާން ހަވާލުވާން އުޅޭކަމަށް އިނގިރޭސި މީޑިއާގައި ދެކެވުނު ވާހަކަތައް ޒިދާންގެ އޭޖެންޓް ވަނީ ދޮގުކޮށްފަ އެވެ.

މި ސީޒަނުގައި ބަޔާނާ ހަވާލުވި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ކްރޮއޭޝިއާގެ ނިކޯ ކޮވަޗްގެ އިރުޝާދުގެ ދަށުން ބަޔާނަށް އެންމެ އެކަށީގެންވާ ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ. އެންމެ ފަހުން ކުޅުނު މެޗުން ވާދަވެރި ޑޯޓްމަންޑް އަތުން ބަލިވިއިރު، ބަޔާން އޮތީ 11 މެޗުން 20 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަޔާން ބަލިވެފައިވާއިރު، އެއް ވަނައިގައި އޮތް ޑޯޓްމަންޑާއި ބަޔާނާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޖަރުމަނުގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ބަޔާންގެ ވިސްނުން މި ވަގުތު ހުރީ މި ސީޒަނުގައި ކޮވަޗާ އެކު ކުރިއަށް ދިއުމަށެވެ. އަދި އަންނަ ސީޒަނަށް ޒިދާން އެ ޓީމަށް ގެނެވޭ ގޮތަށް އޭނާއާ މަޝްވަރާ ކުރުމަށެވެ. އެކަމަކު ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމިޒިޗް ބޭނުންވަނީ ޖެނުއަރީ މަހާ ހަމައަށް ބެލުމަށް ފަހު ކޮވަޗަށް އިރުރު ފުރުސަތެއް ނުދީ ޒިދާނާ ޓީމު ހަވާލުކުރުމަށެވެ.

ދާދި ފަހުން ފްރާންސްގެ މީޑިއާއަކުން ކުރި ސުވާލަކަށް ޒިދާން ބުނީ ވަރަށް އަވަހަށް ޓީމަކާ ހަވާލުވާނެ ކަމަށާއި މި ސީޒަނުގައި ވެސް ޓީމެއްގެ ބެންޗުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު އަވަސް އަރުވާލައިގެން އެއްވެސް ނުނިންމާނެ ކަމަށް ބުންޏެވެ.

އިޓަލީގެ ޔުވެންޓަސް ކޯޗު މެސިމޯ އަލެގްރީ އަށް މި ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ އޭނާ އަށް އެ ޓީމުގެ ކޯޗުކަން ގެއްލޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އަލެގްރީ އަށް ފަހު ޔުވެންޓަސްއާ ހަވާލުވުމާ އެންމެ ބޮޑަށް ގާތީ ޒިދާން ކަމަށް ބުނެ އެވެ.