13 ނޮވެމްބަރ 2018 - 17:06

މެލްބަން (ނޮވެމްބަރު 13) - އޮސްޓްރޭލިއާގައި އޮޕަރޭޝަންކޮށްގެން ވަކިކުރި، އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
އުމުރުން 15 މަހުގެ ނިމާ އާއި ދަވާ ޕެލްޑަން ގުޅިފައި ވަނީ މައި ހަށިގަނޑެވެ. ދެ ކުދިން ވެސް ހިއްސާ ކުރަނީ އެއް ލިވާ އެވެ. އެ ކުދިން ވަކިކުރުމުގެ އޮޕަރޭޝަނުގައި 20 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުން ބައިވެރިވި އެވެ. ހުކުރު ދުވަހު ކުރި އޮޕަރޭޝަނެއް ހަ ގަޑިއިރު ހޭދަވި އެވެ.
އޮޕަރޭޝަން ކުރި މެލްބަންގެ ރޯޔަލް ޗިލްރަންސް ހޮސްޕިޓަލުގެ ތަރުޖަމާނަކު ވިދާޅުވީ އޮޕަރޭޝަނަށް ފަހު ދެ ކުދިންގެ ހާލު ރަނގަޅު ކަމަށެވެ. ދެ ކުދިންގެ އޮޕަރޭޝަނަށް ފަހު ކުދިން ތިބީ ވަކިން ދެ އެނދުގަ އެވެ. ނަމަވެސް އެ ކުދިން ހޭއެރުމުން އެ ކުއްޖަކު އަނެއް ކުއްޖެއްގެ ކައިރިއަށް ދާން ބޭނުންވުމުން މިހާރު ތިބީ ކައިރި ކައިރީގައި ބައިތިއްބައިފަ އެވެ.
އެއްމާބަނޑު ދެ ކުދިންނާއި އެ ކުދިންގެ މަންމަ މެލްބަން އަށް ގެންދިޔައީ މިދިޔަ މަހު އެވެ. އެކަމަކު ހުކުރު ދުވަހާ ހަމައަށް އޮޕަރޭޝަން ލަސްކުރީ އެ ކުދިންގެ ނިއުޓްރިޝަން ރަނގަޅު ކުރުމަށެވެ. އޮޕަރޭޝަނަށް ބޫޓާނުގެ ދެ ކުދިން މެލްބަން އަށް ގެންދިޔައީ އޮސްޓްރޭލިއާގެ ޗެރިޓީއެއް ކަމަށްވާ ޗިލްރަންސް ފަސްޓް ފައުންޑޭޝަނުގެ އެހީގަ އެވެ. ވިކްޓޯރިއާ ސްޓޭޓުން ވަނީ އޮޕަރޭޝަނުގެ އަގު ކަމަށްވާ 255،000 ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
މެލްބަންގެ ހޮސްޕިޓަލުން 2006 ވަނަ އަހަރު ވަނީ އެއްހަށިގަނޑުން ގުޅިފައިވާ ބަންގްލަދޭޝްގެ ދެ ކުދިންގެ އޮޕަރޭޝަން ވެސް ކާމިޔާބުކަމާ އެކު ކޮށްފަ އެވެ. ބޮލުން ގުޅިފައިވާ އެ ދެ ކުދިންގެ އޮޕަރޭޝަނަށް 32 ގަޑިއިރު ހޭދަވި އެވެ.