13 ނޮވެމްބަރ 2018 - 16:48

ސިންގަޕޫރު (ނޮވެމްބަރު 13) - މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް އަނިޔާ ކުރަމުން ދިޔަ އިރު އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ ކަންތައް ކުރެއްވި ގޮތް ބަލައި ނުގަނެވޭނެ ކަމަށާއި އެކަމުގެ ދިފާއުގައި ސޫކީ އަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރަކީން ސްޓޭޓުގެ މުސްލިމުންގެ ދިފާއުގައި ސޫކީ ތެދުވެވަޑައިނުގަތުމުން ވަރަށް ދެރަވި ކަމަށް މަހާތިރު ވިދާޅުވި އެވެ. މިމޭރުމުން މަހާތިރު ވާހަކަ ދައްކަވާފައި ވަނީ އާސިއާންގެ ވެރިންގެ ފޮޓޯއަކަށް ސޫކީއާ އެކު ސިންގަޕޫރުގައި ހުއްޓިވަޑައިގަތުމުގެ ކުރިންނެވެ.
"ކުރިން ބަންދެންގައި ހުރި މީހަކަށް މާބޮޑަށް އިހްސާސް ކުރެވޭނެ އާރެއް ބާރެއް ނެތް ބަޔަކަށް އަނިޔާ ދޭއިރު އެމީހުންނަށް އަޅާނެ ވޭން،" ސޫކީ އަށް އިޝާރާތް ކުރައްވާ މަހާތިރު ވިދާޅުވި އެވެ.
ރޮހިންޖާ މުސްލިމުންނަށް އަނިޔާ ދެމުން ދިޔަ އިރު ސޫކީ ހިމޭނުން ހުންނެވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
މިއަންމާގެ ރައްޔިތުންގެ ގޮތުގައި ރޮހިންޖާ މީހުން ބަލައިގަތުމަށް ވެސް މަހާތިރު ގޮވާލެއްވި އެވެ.
"މެލޭޝިއާ އަށް 1957 ވަނަ އަހަރު މިނިވަންކަން ލިބުނު އިރު، ބޭރު ގައުމުތަކުގެ މީހުން ވެސް ތިބި. އެކަމަކު އެ އެންމެން ވަނީ ބަލައިގެންފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވި އެވެ.