އަރުޖުން ކަޕޫރާ ކައިވެނި ކުރާ ވާހަކަ މަލައިކާ އަރޯރާ ދޮގެއް ނުކުރި
އަރުޖުން ކަޕޫރާ ކައިވެނި ކުރާ ވާހަކަ މަލައިކާ އަރޯރާ ދޮގެއް ނުކުރި

ޒުވާން އެކްޓަރު އަރުޖުން ކަޕޫރާ ކައިވެނިކުރަން މަލައިކާ އަރޯރާ ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން އެ ވާހަކަ ދައްކަން މަލައިކާ ދެކޮޅު ހަދައިފި އެވެ.

އެކަމަކު ސަލްމާން ހާންގެ ކޮއްކޮ އަރްބާޒު ހާނާ ކުރިން ކައިވެނިކޮށް މިހާރު 15 އަހަރުގެ ފިރިހެން ދަރިއަކު ވެސް ހުރި މަލައިކާ، އަރްޖުންއާ ކައިވެނި ކުރަން އުޅޭ ކަމަށް ބުނާ ވާހަކަތައް ދޮގެއް ވެސް ނުކުރެ އެވެ. ހިންދުސްތާން ޓައިމްސް އަށް މަލައިކާ ބުނީ އޭނާއަކީ އެއް އިރެއްގައި ވެސް ޒާތީ ވާހަކަތައް މީޑިއާތަކާ ހިއްސާކުރާ މީހެއް ނޫން ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް. އަދި އަހަރެން އެހާ ގަޔާވާ ކަމެއް ނޫން ޒާތީ ވާހަކަތައް މީޑިއާތަކާ ހިއްސާކުރުމަކީ،" އައިޓަމް ގާލްއެއްގެ ގޮތުގައި ބޮލީވުޑްގައި މަޝްހޫރު ކުރީގެ މޮޑެލް ބުންޏެވެ.

މަލައިކާ ބުނީ އޭނާގެ ހަޔާތާ ބެހޭ ގޮތުން އެނގެން ޖެހޭ ކަމެއް އޮތް ނަމަ، އެކަން އެނގެން ޖެހޭ ބަޔަކަށް އެކަންކަން އެނގޭނެ ކަމަށެވެ، އެހެންވެ އިތުރަށް ވަކި ކަމެއް ވަކި ބަޔަކަށް ސާބިތުކޮށް ދޭން ނުޖެހޭނެ ކަމަށް ބުންޏެވެ.

"އަހަރެން މިއުޅެނީ ވަރަށް އުފަލުން. އަދި ބޭނުން ވަނީ ވެސް ލައިފް އެންޖޯއި ކުރަން،" ކަލާޒުން މިހާރު ދައްކާ އިންޑިއާ ގޮޓް ޓެލެންޓް (އައިޖީޓީ) ގެ ޖަޖުކަން ވެސް ކުރަމުން އަންނަ މަލައިކާ ބުންޏެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރުޖުން، 33، އާއި މަލައިކާ، 45، ކައިވެނި ކުރާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަދި އެކަމަށް މިހާރު ވަނީ ތައްޔާރު ވެސް ވާން ފަށާފައި ކަމަށްވެ އެވެ.

ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސް ނުވިޔަސް، އެކުވެރި ކަމަކަށް ވުރެ ގާތް ގުޅުމެއް އޮންނަކަން ކަށަވަރު ކަމަށް މީޑިއާތަކުން ބުންޏެވެ.