13 ނޮވެމްބަރ 2018 - 14:41

އަންނަ ހޮނިހިރު ދުވަހު ރައީސްކަމުގެ ހުވާކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި އުފައްދާނީ 19 މިނިސްޓްރީ ކަމަށް އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މާރިޔާ ހާމަކުރެއްވި ގޮތުގައި، އަލަށް އުފައްދަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.
މާރިޔާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި [މިނިސްޓްރީތަކުގައި] 700 އަށް ވުރެ ގިނަ ބޭފުޅުން ތިއްބަވާ ކަމަށާއި އިބޫގެ ސަރުކާރުގައި އެ އަދަދު އުޅޭނީ މިހާރުގެ ސިޔާސީ މަގާމުތަކަށްވުރެ 100 މަދު އަދަދެއް ކަމަށެވެ. އޭގެ ނަތީޖާ އަކީ އިބޫގެ ސަރުކާރުގައި ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ 16 ޕަސެންޓަށް ދަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަގުތީ މުވައްޒަފުންގެ ގޮތުގަ އާއި އެ ނޫން ވެސް ގޮތްގޮތަށް، ތިބި އަދަދު މި ސަރުކާރުގައި 700 އަށް ވުރެ ގިނަވުން ވެސް އެކަށީގެންވެ އެވެ. އެ އަދަދަކީ މިހާރު ފެންނަން ހުރި އަދަދު ކަމަށް ވިދާޅުވި އެވެ.
* ހަޔާ އެޑިއުކޭޝަން: މަތީ ތައުލީމްގެ ފުރުސަތު ރާއްޖޭގައި ހިލޭ، އަދި ރާއްޖެ އިން ބޭރުގައި ނަމަ ލުއި ގޮތެއް ހަމަޖައްސައިދީ، އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ފުރުސަތުދީ، ފެންވަރު ރަނގަޅު ގޮތެއްގައި މަތީ ތައުލީމް ހާސިލްކުރަން ފުރުސަތުދީ ރާއްޖޭގައި ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ސިޔާސަތުތަކެއް އެކުލަވާލައި ހިންގުން:
* މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް: ހަމަހަމަ ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، އުފާވެރި އަމާން، ބަދަހި މުޖުތަމައެއް ބިނާކުރުން.
* މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ: ނޫ އިގްތިސާދުގެ ސިޔާސަތުގެ ދަށުން ކަނޑުގެ އެހެނިހެން މުއްސަނދިކަން އިތުރުކޮށް، މެރިން ރިސޯސަސް އަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުން.
* ނެޝަނަލް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާ: ހައުސިން ފިޔަވައި ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ރޭވުމާއި ބިންތައް ބެލެހެއްޓުމާއި ބިންތައް ހެޔޮގޮތުގައި ބޭނުން ކުރެވޭނެ އޮނިގަނޑެއް އެކަށައަޅައި ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވައުދުތައް ފުއްދައިދިނުން.
* މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް: ހިޔާވަހިކަމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައެޅުމާއި ރައްޔިތުންނަށް ލިބިދެވޭނެ ހިޔާވަހިކަމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމްކޮށް، އެ ސެންޓަރަކަށް ކަނޑައެޅޭ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ހެދުން.
* މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމަންޓް: ސިވިލް ސޮސައިޓީ އަށް އެހީވެ، މަސައްކަތްތައް ތަރައްގީކުރުމާއެކު ޒުވާނުންނަށް ފުރުސަތު ހޯދައިދީ، ކުޅިވަރު ތަރައްގީކުރުން.
* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން: ދަތުރުފަތުރު ވިއުގައަކުން ގުޅާލައި އަގުހެޔޮކޮށް ޚިދުމަތް ފޯރުކޮށްދިނުން.
* މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް: އާސާރީ ތަންތަން ރައްކާތެރިކޮށް ބަލަހައްޓައި ރަށްރަށުގައި ހުރި ދުވަސްވީ ބިނާތަކާއި ތާރީޚާ ގުޅިފައިވާ ތަކެތި ހިމާޔަތްކޮށް ބެލެހެއްޓުން. ދިވެހިންގެ ސަގާފަތާއި ބަހާއި ތަރިކަ ކުރިއެރުވުން.
* މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ: ޓެކްނޮލޮޖީ އަށް ފަރިތަ އާ ޖީލެއް ބިނާކުރުން.
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ނަން، މިނިސްޓްރީ އޮފް ޑިފެންސަށް.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނަން، މިނިސްޓްރީ އޮފް ފިނޭންސަށް.
- މިނިސްޓްރީ އޮފް އެންވަޔަރްމެންޓް އެންޑް އެނާޖީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރްމެންޓަށް.
- ހޯމް މިނިސްޓްރީ
- ފޮރިން މިނިސްޓްރީ
- އިސްލާމިކް މިނިސްޓްރީ
- އެޑިއުކޭޝަން މިނިސްޓްރީ
- ޓޫރިޒަމް މިނިސްޓްރީ
- ހެލްތު މިނިސްޓްރީ
- އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލްގެ އޮފީސް.
މާރިޔާ ވިދާޅުވި ގޮތުގައި އޮނިގަނޑުގެ ތެރޭގައި މަގާމެއް އުފައްދާ ނަމަ، ބަލާފައި ވާނީ މަސައްކަތްތައް އިތުރުވާ ނިސްބަތުންނެވެ.
-