15 އޯގަސްޓް 2016 - 10:20

ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ ފޯ ސީޒަންސް ސާފިން މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޝޭން ޑޯރިއަން ބަލިކޮށް ތާޖް ބޮރޯ މުބާރާތް ކާމިޔާބު ކުރިއިރު، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައި ރާއްޖޭގެ ރާޅާ އެޅުންތެރިއާ ހުސެން އަރީފް (އިބޫ) ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

އޮސްޓްރޭލިއާ އަށް އުފަން ބޮރޯ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޑޯރިއަންއާ ރަނގަޅު ވާދައެއް ކުރުމަށް ފަހު އެވެ. ތުރަސްޓާ ޑިވިޝަންގެ ސެމީ ފައިނަލާއި ފައިނަލުގައި ވެސް ބޮރޯ ފެނުނީ ތަފާތު ކޮށެވެ. ބޮރޯ ޗެމްޕިއަންކަން ހޯދީ 17.84 ޕޮއިންޓް ހޯދައިގެންނެވެ. ޑޯރިއަން އަށް ލިބުނީ 17.33 ޕޮއިންޓެވެ.
"ޑޯރިއަންއާ ފައިނަލުގައި ވާދަކޮށްލުމަކީ އަހަރެން އަބަދުވެސް އުއްމީދު ކޮށްގެން ހުރިކަމެއް. އޭނާ ބަލިކޮށްލެވުމަކީ ހުވަފެނެއް ހާސިލްވުން ފަދަ ކަމެއް. ފަސޭހަ ކަމެއް ނޫން މި ހާސިލް ކުރެވުނީ،" ބޮރޯ ބުންޏެވެ.
މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ބޮރޯ އަށް ވަނީ 10،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބިފަ އެވެ. އަދި އަންނަ އަހަރުގެ މުބާރާތުން އޭނާ އަށް ވަނީ ފުރުސަތު ދީފަ އެވެ.
ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ މި މުބާރާތް ބާއްވަމުން އަންނަތާ މިއީ ހަ ވަނަ އަހަރެވެ. މި ފަހަރުގެ މުބާރާތުގައި ފޯ ސީޒަނުން ވަނީ ރާއްޖޭގެ އެންމެ ރޭންކިން ރަނގަޅު ރާޅާ އެޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ. އެގޮތުން މި މުބާރާތުގައި ވާދަކޮށް އިބޫ ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ.
އިބޫ މުބާރާތް ނިންމާލީ ތުރަސްޓާ ޑިވިޝަންގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީ ފައިނަލުން އިބޫ ބަލިވީ މުބާރާތް ކާމިޔާބުކުރި ބޮރޯ އަތުންނެވެ.
"މިއީ އަހަރެންގެ ކެރިއަރުގައި އައި އެންމެ އުފާވެރި ހަފުތާ. ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ސާފަރުންނާ އެކު އެއް މުބާރާތެއްގައި ވާދަކޮށް އަހަންނަށް ރަނގަޅު ކުރިއެރުމެއް ލިބިއްޖެ. އަހަރެންނަށް ވެސް އިހުސާސް އެބަވޭ މި ސާފަރުންނާ އެކު ވާދަކުރުމުން އަހަރެންނަށް ވެސް ކުރިއެރުން ލިބިއްޖެކަން،" އިބޫ ބުންޏެވެ.
އިބޫ އާއި ޑޯރިއަން އަދި ބޮރޯގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ވާދަކުރީ އެމެރިކާގެ ޖޭމީ އޯބްރަޔަން، ވޯލްޑް ސާފިން ލީގުގެ ޑެޕިއުޓީ ކޮމިޝަނަ ދެކުނު އެފްރިކާގެ ޓްރަވިސް ލޮގީ، އެމެރިކާގެ ރޮބް މަޗާޑޯ އަދި އެމެރިކާގެ އަންހެން ސާފިން ޗެމްޕިއަން ބެތަނީ ހަމިލްޓަން އެވެ.
ފޯ ސީޒަނުން ވަނީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ މި މުބާރާތުން ރާއްޖޭގެ އެއް ރާޅާ އެޅުންތެރިއަކަށް ފުރުސަތުދޭން ނިންމައިފަ އެވެ.