ކައުންސިލްތަކަށް ބާރުދޭންޖެހޭ، އެކަން ކުރާނަން: ޓްރާންސިޝަން ކޮމެޓީ
ކައުންސިލްތަކަށް ބާރުދޭންޖެހޭ، އެކަން ކުރާނަން: ޓްރާންސިޝަން ކޮމެޓީ

ލާމަރުކަޒީ ނިޒާމު އަލުން ހަރުދަނާކޮށް ކައުންސިލްތަކަށް ބާރުދޭންޖެހޭ ކަމަށް ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.

ޓްރާންސިޝަން ލާމަރުކަޒީ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސަރުކާރުން ކަންތައް ކުރަމުން ދިޔަ ގޮތުން މުޅި ނިޒާމު ބޮއްސުންލާފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ އެތައް ބާރެއް އަތުލާފައިވާ ކަން ޝިފާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މުޅި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އަލުން އެ މަސައްކަތްތައް ފަށަން ޖެހޭ ކަމަށެވެ. އެއީ ބައްދަލުކުރި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެވުނު ކަމެއްކަމަށް ވިދާޅުވި އެވެ.

"މުޅި ނިޒާމް ހަލާކުކޮށްލުމުގެ ވިސްނުމާއި ރައްޔިތުންގެ އަޑު އިތުރަށް ކަންކަމުގައި ފާޅުނުވުމުގެ މަސައްކަތްތަކެއް ކުރެވިފައިވާތަން ދެންނެވެން އެބައޮތް. އެއީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ބާރުތައް ހަނިކުރުމުގެ ސަބަބުން،" ޝިފާ ވިދާޅުވި އެވެ.

ގިނަ ރަށްރަށުގައި އަންހެނުންގެ ކޮމެޓީއެއް ނެތް ކަމަށާއި އަދި އެފަދަ ކޮމެޓީތައް އުފައްދާފައިވާ ގިނަ ރަށްރަށުގައި ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ޝިފާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ ރާއްޖޭގައި ކައުންސިލް އިންތިޚާބެއް އެންމެ ފުރަތަމަ ބޭއްވީ 2011 ވަނަ އަހަރެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ކައުންސިލްތަކުގެ ބާރު ހަނިކޮށް އެތައް ކައުންސިލަރުންނެއް ސަސްޕެންޑްކޮށްފައި ވެ އެވެ. މީގެ އިތުރުން މާލެއާ ގުޅޭ ކަންކަން ބަލަހައްޓަމުން ދިޔަ ސިޓީ ކައުންސިލް އަތުން ވެސް، ވިހާ އަދި މަރުވާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ވަނީ ނަގައިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ކުރީގެ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރުުކަން ކުރެއްވި މުހައްމަދު ޝިހާބު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ގެނެސްފައިވަނީ ވަރަށް ނޭދެވޭ ބަދަލުތަކެއް ކަމަށެވެ. އެހެންވެ އާ ސަރުކާރާއެކު، ޖަޒީރާވަންތަ ގައުމެއް ބިނާކުރުމަށް ކައުންސިލްތަކަށް ބާރުދޭންޖެހޭ ކަމަށާއި އެކަން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ފައިސާ ހޯދޭނެ އަދި ލިބޭނެ ގޮތް ކައުންސިލްތަކަށް އޮންނަންޖެހޭ. ނަމަވެސް އެކަމެއް ވެސް ނެތް. ޖަޒީރާވަންތަކަން އެންމެ ބޮޑަށް ގެނެވޭނީ ކައުންސިލްތައް ބާރުވެރިކޮށްގެން. އެކަން ކުރާނަން،" ޝިހާބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުހައްގުން އެތައް ކައުންސިލަރުންނެއް ސަސްޕެންޑްކޮށް ގެއްލުން ދީފައިވާ ކަމަށެވެ. އެހެންވެ އަންނަ ހޮނިހިރު ދުވަހު އާ ރައީސްކަމުގެ ހުވާ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން އެފަދަ ގެއްލުން ލިބުނު ހުރިހާ ކައުންސިލަރުންނަށް ބަދަލުދެއްވާނެ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ.