13 ނޮވެމްބަރ 2018 - 14:13

ސްޕައިޑަ މޭން އާއި ބްލެކް ޕެންތާ، ތޯ އަދި ހަލްކް ފަދަ ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެތައް ބައިވަރު ސުޕަހީރޯ ކެރެކްޓާތާކެއް އުފަންކުރުވި ހޮލީވުޑްގެ ލެޖެންޑްރީ ލިޔުންތެރިޔާ ސްޓޭން ލީ މަރުވެއްޖެ އެވެ.
މާވެލް ކޮމިކްސްއާ އެކު އެތައް ބަޔަކު އެހެން ދުނިޔެތަކެއްގެ ތެރެއަށް ގެންގޮސްދިން ސްޓޭން ލީ ހޯމަ ދުވަހު މަރުވި އިރު އުމުރަކީ 95 އަހަރެވެ. މާވެލްގެ ރައީސްކަން ކުރިން ކޮށްފައިވާ ލީގެ މަރާ ބެހޭ މާ ބޮޑު ތަފުސީލެއް އާއިލާ އިން ހާމައެއް ނުކުރެ އެވެ.
ނަމަވެސް އޭނާ މަރުވީ ސިއްހީ ހާލަތު ގޯސްވެގެން ލޮސް އެންޖެލިސްގެ ސެޑާސް ސިނައި މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށް އާއިލާ އިން ބުންޏެވެ.
ވަރަށް ޒުވާން އުމުރުގައި ކޮމިކްގެ މަސައްކަތްތަކުގެ ތެރެއަށް ނުކުމެ ސްޓޭން ލީ ވަނީ އޭނާގެ ލިޔުންތެރިކަމާއި ގަދަފަދަ ކެރެކްޓާތަކާ އެކު، އުފެއްދުންތެރި މަސައްކަތްތަކެއްކޮށްފަ އެވެ. އޭނާ އަދި ފާހަގަ ކުރެވެނީ މާވެލްގެ ސުޕަހީރޯ ކެރެކްޓާތަކާ އެކު ގެނެސް ދިން ބައެއް ފިލްމުތަކުގައި ހާއްސަ ފެނިލުމަކުން ވެސް ބެލުންތެރިންނާ ސްކްރީނުން ވެސް ބައްދަލުކޮށްފައިވާ ފަންނާނެއްގެ ގޮތުގަ އެވެ.
ސްޓޭންލީގެ ކޮމިކްތަކުގެ ތެރޭގައި އެކްސް މެން، ޑެއާޑެވިލް ކެޕްޓެން އެމެރިކާ އަދި އަޔަން މޭން ފަދަ ކޮމިކްތައް ހިމެނެ އެވެ.