13 ނޮވެމްބަރ 2018 - 11:49

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުރިހާ މެމްބަރުންނަށް ދައުވަތު ދިނުމަށް ނިންމާފައިވާއިރު، އެ ބޭފުޅުންނަށް ދައުވަތު ކާޑު ހަވާލުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އިންތިޒާމްކުރާ ކޮމެޓީގެ ބޭފުޅަކު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، ހޮނިހިރު ދުވަހު ހަވީރު 5:00 ގައި ބާއްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން މިހާތަނަށް ކުރެއްވި ހުރިހާ ބޭފުޅުންނަށް ދައުވަތު ދޭން ނިންމާފައި ވިޔަސް އެ ބޭފުޅުންގެ އެޑްރެސް އަދި ފޯނު ނަމްބަރު މަޖިލީހުގެ އިދާރާއަށް ނޭނގޭތީ ދައުވަތު ކާޑު ހަވާލު ނުކުރެވި ވާ ކަމަށެވެ.
"އެހެންވެ، މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެއްވެސް ބޭފުޅަކަށް މިހާތަނަށް ދައުވަތު ކާޑު ލިބިވަޑައިނުގަންނަވާ ނަމަ، މަޖިލީުގެ އިދާރާއަށް ވަޑައިގަތުމުން އެކަން ހަމަޖެހޭނެ. މިހާތަނަށް މަޖިލީހުގެ އިދާރާއިން އެ ބޭފުޅުންގެ މައުލޫމާތު ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ދައުވަތު ކާޑު ހަވާލުކުރުމުގައި ދަތިވެގެން މިއުޅެނީ،" އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގެ ކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން އުފައްދާފައިވާ ކޮމެޓިގެ އޮފިޝަލް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރު އެ ޖަލްސާ ބާއްވާނީ ގަލޮޅު ދަނޑުގަ އެވެ.
ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ މަޖިލީހުގެ މެމްބަރުކަން މިހާތަނަށް ކުރެއްވި ހުރިހާ ބޭފުޅުންނާއި ކުރީގެ ރައީސުންނާއި ވަޒީރުކަން މިހާތަނަށް ކުރެއްވި ހުރިހާ ބޭފުޅުންނާއި ދައުލަތުން އެކި ފެންވަރުގެ ލަގަބު އަރުވާފައިވާ ބޭފުޅުންނާއި ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ރާއްޖޭގެ އިގްތިސޯދީ ދާއިރާގެ އިސްބޭފުޅުންނަށް، އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދޭ ގޮތަށެވެ.
މަޖިލީހުގެ އިދާރާއިން ނިންމާފައި ވަނީ އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް 13،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދިނުމަށެވެ.