14 ނޮވެމްބަރ 2018 - 07:05

"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ އާއިލީ ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދީފައިވާ ސޫރަޖް ބަރުޖަތިއާގެ ފިލްމު ކުންފުނި ރާޖްޝުރީގެ ފިިލްމަކަށް އިންތިޒާރު ކުރާ މީހުންނަށް އޮތީ އުފާވެރި ހަބަރެކެވެ.
އާ ފިލްމެއް އަންނަ އަހަރު އެ ސްޓޫޑިއޯ އިން ގެނެސް ދޭން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ފިލްމާ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ. އެކަމަކު ޔަގީނުން ވެސް ރާޖްޝުރީގެ ފިލްމެއް ނަމަ މިއީ އާއިލާގެ އެންމެން އެކީގައި ތިބެގެން ބަލައިލެވޭ ކަހަލަ ޖަޒުބާތީ އަދި އަސަރު ފުރިގެންވާ ކަހަލަ ފިލްމަކަށް ވާނެ ކަމާ ދޭތެރޭ ބެލުންތެރިން ޝައްކެއް ނުކުރާނެ އެވެ.
ރާޖްޝުރީން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ސޫރަޖް ޑައިރެކްޓް ކުރި 2015 ގެ ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ. ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު އެ ފިލްމުގައި ލީޑް ރޯލް ކުޅުނީ ސަލްމާން ހާނާއި ސޯނަމް ކަޕޫރެވެ.
ފިލްމު ހަދާތާ މިހާރު 71 އަހަރުވެފައިވާ ރާޖްޝުރީގެ އާ ފިލްމުގެ ނަމަކީ "ހަމް ޗާރު" އެވެ. މި ވެސް ހަމަ އެކުވެރިކަމާއި އާއިލީ ގުޅުމަށް ބިނާކޮށްފައިވާ ފިލްމެކެވެ.
ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެނެސްދޭނެކަން ކަށަވަރުކޮށް ދެމުން އެ ސްޓޫޑިއޯގެ ޓްވިޓާގައި ވަނީ ފިލްމުގެ ފަސްޓްލުކް ވެސް ދައްކާލައިފަ އެވެ.
ރިލީޒް ކުރާނެ ތާރީހެއް އަދި ނުނިންމާ "ހާމް ޗާރު" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އަބިޝޭކް ޑިކްސިޓް އެވެ. ރާޖްޝުރީން ބުނީ މި ފިލްމު އަންނަ އަހަރުގެ ކުރީކޮޅު ސިނަމާތަކަށް އަންނާނެ ކަމަށެވެ. އެކަމަކު ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
އަރުޖުން ކަޕޫރު މިހާރު ކުޅެމުން އަންނަ ފިލްމު "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޝޫޓިން ނިންމާލައިފި އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް ނިންމައިލިކަން އަރްޖުން ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ޑިޓެކްޓިވެއްގެ ރޯލުން ފެނިގެންދާ "އިންޑިއާސް މޯސްޓް ވޯންޓެޑް" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަޖޭ ދޭވްގަންގެ "ރެއިޑް" ގެ ޑައިރެކްޓަރު ރާޖްކުމާރު ގުޕްތާ ޑައިރެކްޓް ކުރާ ފިލްމެކެވެ.
އޭނާގެ ފިލްމަކުން ފުރުސަތު ލިބުމުން އަރްޖުން ވަނީ އޭނާގެ ވިޝް ލިސްޓްގައި ހިމެނޭ އެއް ޑައިރެކްޓަރުގެ ތެރެއިން އެކަކުކަން ފާހަގަކޮށް، ރާޖްގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ވެސްކޮށްފަ އެވެ. "އިންޑިއާސް މޯސްޓް ވޯންޓެޑް" ސިނަމާތަކަށް އަންނާނީ މެއި، 24، 2019 ގަ އެވެ. މިއީ އަރުޖުންގެ 12 ވަނަ ފިލްމެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ ބަލާނެ ބަޔަކު ނުވެގެން ފްލޮޕް ބޯޑު އަޅުވަން ޖެހުނު މިދިޔަ މަހު ރިލީޒް ކުރި "ނަމަސްތޭ އިންގްލެންޑް" އެވެ. އަރުޖުންގެ ކުރިއަށް އޮތް ފިލަމަކީ މާޗް 1 ގައި ރިލީޒް ކުރާ "ސަންދީޕު އީރް ޕިންކީ ފަރާރު" އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ ނެޓްފްލިކްސްގެ އިންޑިއާގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަނުގެ ކާސްޓާ އާ ބަތަލާއަކު ގުޅިއްޖެ އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި އޭގެ ލީޑިން ބަތަލާގެ ރޯލުން ފެނިގެން ދާނީ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ މަރާޓީ ބަތަލާ އަމްރުތާ ސުބާޝް، 39، އެވެ. އޭނާ ވަނީ "ސެކްރެޑް ގޭމްސް" ގެ ޑައިރެކްޓް ކުރާ އަނޫރާގް ކެޝަޕާ އެކު ކުރިން ވެސް މަސައްކަތްކޮށްފަ އެވެ. އެއީ 2016 ގައި ރިލީޒް ކުރި ހިންދީ ފިލްމު "ރަމަން ރަގަވް 2.0" ގަ އެވެ. އޭގެ ކާސްޓުންގެ ތެރޭގައި "ސެކްރެޑް ގޭމްސް" ވިލަން ނަވާޒުއްދީން ސިއްދީގީ ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވެބް ސީރީޒްގެ ބަތަލާގެ ރޯލަށް އަމްރުތާ ހަމަޖެއްސީ "ސެކްރެޑް ގޭމްސް" ގެ ފުރަތަމަ ސީޒަނުގައި ބަތަލާގެ ރޯލް ކުޅުނު ރާދިކާ އަޕްޓޭ ކުޅުނު އަމްރިތާ މާތޫރުގެ ކެރެކްޓާ މަރުވެފައިވާތީ އެވެ. ސައިފް އަލީ ހާން ބަތަލުގެ ރޯލް ކުޅޭ މި ވެބް ސީރީޒްގެ ދެވަނަ ސީޒަން ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސޮނީ ޓީވީން މިހާރު ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ގެ އެންމެ ގަދަފަދަ އެއް ބައިވެރިޔާ ސަލްމާން އަލީ ސޮނީގެ ޓީވީ ސިލްސިލާއަކަށް ލަވައެއް ކިޔައި ދޭން ހަމަޖެހިއްޖެ އެވެ.
ފެށުނީއްސުރެ އައިޑޮލްގައި ކުޅަދާނަކަން ދައްކަމުން އަންނަ މި ބައިވެރިޔާ ލަވައެއް ކިޔައި ދޭން ހަމަޖެހިފައި ވަނީ ސޮނީން އަލަށް ދައްކަން ފަށަން ތައްޔާރުވަމުން އަންނަ ސިލްސިލާ "ޗަންދުރަގުޕްތާ މޯރިޔާ" އަށެވެ. ސަލްމާން ކިޔާނީގެ މީގެ ޓައިޓްލް ލަވަކަން އޭގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު ސިދާތު ކުމާރު ތެވަރީ ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ސޮނީން ދައްކާ "ޕޯރަސް" ނިމުމަކަށް ގެނެސް މި މަހުގެ 14 ގައި ދައްކަން ފަށާ "ޗަންދުރަގުޕްތާ މޯރިޔާ" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ސޯރަބް ރާޖް ޖެއިން، ކަރުތިކޭ މަލްވިޔާ އަދި ތަރޫން ކަންނާ އެވެ.
އިންޑިއަން އައިޑޮލް ސީޒަން 10 މިހާރު ގަދަ 7 އަށް ތިރިވެފައިވާ އިރު ސަލްމާނާ އެކު މިހާރު ގަދަ ހިފުމުގައި ތިބީ ނިލަންޖަނާ ރޭ، އަންކުޝް ބަރަދްވާޖް، ރޭނޫ ނަގަރް، ނިތިން ކުމާރު، ކުނާލް ޕަންޑިތު އަދި ވިބޯ ޕަރްޝާރް އެވެ. ސޯމިއާ ޗަކްރަބަތީ ކެޓީ މިދިޔަ ހަފުތާގަ އެވެ.