ސާރާ އަލީ ހާންގެ އަމާޒަކީ ދޮންމަންމަގެ ފެންވަރު
ސާރާ އަލީ ހާންގެ އަމާޒަކީ ދޮންމަންމަގެ ފެންވަރު

ދޮންމަންމަ ކަރީނާ ކަޕޫރު ކެރިއަރު ކުރިއަށް ގެންދާ ގޮތް ވަރަށް ފުރިހަމަ ކަމަށާއި ބޭނުން ވަނީ ހަމަ އެކަހަލަ ޕްރޮފެޝަނަލް ބަތަލާއަކަށް ވާން ކަމަށް ސާރާ އަލީ ހާން ބުނެފި އެވެ.

އޭނާ ބޮލީވުޑަށް ނެރޭ އަދި އަންނަ މަހުގެ 7 ގައި ރިލީޒްކުރާ ފިލްމު "ކެދަރުނާތު" ގެ ޓްރެއިލާ ދައްކައިލަން ބޭއްވި ހަފުލާގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން 24 އަހަރުގެ ބަތަލާ ބުނީ ކުރިއަށް ދާން ނަމޫނާއަކަށް ބަލަން ކަރީނާ އަށް ވުރެ ވަކި ރަނގަޅު މީހަކު ނެތް ކަމަށެވެ.

"އަހަރެން އަބަދުވެސް އޭނާ މަސައްކަތަށް ބަހައްޓާ ޕްރޮފެޝަނަލިޒަމް ނަމޫނާއަކަށް ބަލާނަން. ކަރީނާއަކީ ޒާތީ ދިރިއުޅުމާއި ކެރިއާ ވަރަށް ރަނގަޅަށް ބެލެންސް ކުރަމުން އަންނަ ބަތަލާއެއް. އެކަން އެންމެ ގާތުން ފެންނާނެ އެކަކީ ވެސް އަހަރެން،" ސައިފް އަލީ ހާނާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދޮށީ އަންހެން ދަރިފުޅު ބުންޏެވެ.

ސާރާ ބުނި ގޮތުގައި ކައިވެނިކޮށް، ދަރިއަކު ލިބުނު ފަހުން ވެސް ކަރީނާ އަންނަނީ އޭނާއަކީ އަދިވެސް ބޮލީވުޑްގައި ހުރި އެންމެ ވަރުގަދަ އެކަކުކަން ސާބިތުކޮށް ދެމުންނެވެ. އަދި އެ ގޮތުގައި ހިފަހައްޓައިލެވޭނީ ވަރަށް ވެސް ހިތްވަރު ގަދަވެގެން ކަމަށް ބުންޏެވެ.

"މި ދާއިރާ އިން ކުރިއަށްދާ އަހަރެން ބޭނުން ކަރީނާގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްކުރަން ވެސް،" ސާރާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަން ވަގުތު ކައިރިވަމުން އަންނާތީ އެކަމާ އުފާވާ ކަމަށެވެ. އަދި ބެލުންތެރިން އޭނާ ބަލައި ގަންނާނެ ކަމުގެ އުންމީދު ބޮޑު ކަަމަށް ބުންޏެވެ.

މި އަހަރު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު އަދި ގާތް އެކުވެރިޔާ ޖާންވީ ކަޕޫރާ ބެހޭ ގޮތުން ސުވާލު ކުރުމުން ސާރާ ބުނީ ޖާންވީގެ މަސައްކަތް އޭނާ އަށް ވަރަށް ކަމުދިޔަ ކަމަށެވެ.

"އަދި އަހަރެން ވަރަށް އުންމީދު ކުރަން ޖާންވީ ބަލައިގަތް ގޮތަށް ބެލުންތެރިން އަހަރެން ވެސް ބަލައި ގަންނާނެ ކަމަށް،" އޭނާ ބުންޏެވެ. "ޖާންވީ ވަރަށް މޮޅު ދަޅަކްގައި."

"ކެދަރުނާތު" ގެ އިތުރުން ސާރާގެ އިތުރު ފިލްމެއް ވެސް އަންނަ މަހު ސިނަމާތަކަށް އަންނާނެ އެވެ. އެއީ ރަންވީރު ސިންގްއާ އެކު ކުޅެފައިވާ "ސިމްބާ" އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 28 ގަ އެވެ.

"ކެދަރުނާތާއި ސިމްބާއަކީ ވަރަށް ތަފާތު ދެ ފިލްމު. އަހަރެން ވަރަށް އުފާ ކުރަން ދެ ފިލްމުގެ ޓީމާ އެކުވެސް މަސައްކަތްކޮށްލަން ފުރުސަތު ދިން ކަމަށްޓަކައި،" ސާރާ ބުންޏެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށްފައިވާ "ކެދަރުނާތު" ގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތެވެ.