13 ނޮވެމްބަރ 2018 - 09:12

މެންޗެސްޓާ (ނޮވެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވި މެޗުގެ ކުރިން އެ މެޗުގެ ރެފްރީ އެންތަނީ ޓޭލާއާ ބެހާގޮތުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދެއްކި ވާހަކަތަކަށް ޖަވާބުދާރީވާން އަންގައިފި އެވެ.
އިނގިރޭސި އެފްއޭ އިން ވަނީ މެޗުތަކުގެ ކުރިން ރެފްރީންނަށް ޕްރެޝަރު ކުރުމުގެ ގޮތުން ރެފްރީންނާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުން ހަރުކަށިކޮށް މަނާކޮށްފަ އެވެ. ގާޑިއޯލާ ދެއްކި ވާހަކަތަކަށް ޖަވާބުދާރީވާން ދީފައިވާ އެންމެ ފަހުގެ މުހުލަތަކީ އަންނަ ބުރާސްފަތި ދުވަހެވެ.
ޔުނައިޓެޑް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ ދެ ޓީމެކޭ އެއްގޮތަށް ރެފްރީ އެންތަނީ ޓޭލާ އަށް ވެސް ރަނގަޅު މެޗަކަށް އެދޭ ކަމަށާއި އޭނާ އިންސާފުވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"އޭނަ (އެންތަނީ ޓޭލާ) ވެސް އަހަރެމެންނެކޭ އެއްގޮތަށް ބަލާނީ އެންމެ ރަނގަޅަށް ވަޒީފާ އަދާކުރެވޭތޯ. އަހަރެން އުއްމީދުކުރަން އިންސާފުވެރި ނިންމުންތަކަކާ އެކު އޭނާ އަށް ވެސް މިއީ ރަނގަޅު މެޗަކަށްވާނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.
"އެންމެ މުހިއްމީ މެޗަށް ފޯކަސް ކުރިން. ރެފްރީގެ ނިންމުންތައް ދެކޮޅަށް ވެސް ދާނެ. މުޅި އިންގްލެންޑާއި މުޅި ޔޫރަޕް އޮންނާނީ މި މެޗަށް ސަމާލުވެގެން. އެއީ އަހަރެމެންނަށް އޮތް ހާއްސަކަމެއް."
ގާޑިއޯލާގެ އެ ވާހަކަތަކާ ގުޅިގެން ރެފްރީ އެންތަނީ ޓޭލާ އަށް ނުސީދާ ގޮތަކަށް ޕްރެޝަރުކުރި ކަމަށް ބުނެ ގިނަ ސަޕޯޓަރުން ދަނީ އެ ކަމަށް ފާޑުކިޔަމުންނެވެ. އަދި ގާޑިއޯލާ އަށް އެކަމުގެ އަދަބުދޭން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ ކުރިން ރެފްރީއާ ބެހޭގޮތުން ވާހަކަ ދައްކައިގެން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވަނީ އަދަބުދީފަ އެވެ. ލިވަޕޫލާ ދެކޮޅަށް 2016 ވަނަ އަހަރު އެންފީލްޑްގައި ކުޅުނު މެޗުގެ ކުރިން އެ މެޗުގެ ރެފްރީއާ ބެހޭގޮތުން ވާހަކަ ދެއްކުމުން މޮރީނިއޯ ވަނީ 64،406 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.