13 ނޮވެމްބަރ 2018 - 09:09

މެޑްރިޑް (ނޮވެމްބަރު 13) - ރެއާލް މެޑްރިޑްގެ ވަގުތީ ކޯޗެއްގެ މަގާމު ފުރަމުން އަންނަ ސަންޓިއާގޯ ސޮލާރީއާ އެކު ހަދާފައިވާ އެއްބަސްވުން ދާއިމީކުރަން އެ ކްލަބުން ނިންމާފައިވާ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ރެއާލަށް ހޯދައިދިން ޒިނެދިން ޒިދާން އެ ޓީމު ކޯޗުކަމުން މިދިޔަ މެއި މަހު އިސްތިއުފާ ދިނުމުން ރެއާލުން ގެނައީ ސްޕެއިން ގައުމީ ޓީމުގައި ހުރި ހުލެން ލޮޕެޓެގީ އެވެ. ލޮޕެޓެގީގެ ކޯޗުކަމުގައި ރެއާލަށް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުން އޭނާ ވަނީ މިދިޔަ މަހު 29 ވަނަ ދުވަހު ވަކިކޮށްފަ އެވެ.
ރެއާލުގެ ބީ ޓީމުގައި ހުރި ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. އެ ހަތަރު މެޗުގައި ރެއާލުން 15 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. މިއީ ރެއާލާ އަލަށް ހަވާލުވެ، މިދިިޔަ 116 އަހަރު ތެރޭ އެ ޓީމުގެ ކޯޗަކު ފުރަތަމަ ހަތަރު މެޗުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.
ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ރެއާލުން ސޮލާރީގެ ދާއިމީ އެއްބަސްވުމުގެ ލިއުންތައް އެ ފެޑެރޭޝަނަށް ފޮނުވާފައިވާކަން މީޑިއާ އަށް ޔަގީންކޮށްދީފަ އެވެ. ސޮލާރީ އަށް ދިނީ ކިތަން އަހަރުގެ އެއްބަސްވުމެއް ކަމެއް ހާމަކޮށްފައިނުވާއިރު، މިހާތަނަށް ރެއާލުން މި ކަމާ ބެހޭގޮތުން އަދި ރަސްމީ ސިފައެއްގައި ވާހަކަ ނުދައްކަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސޮލާރީ އަށް ޓީމުގެ ދާއިމީ އެއްބަސްވުމެއް ދޭން ރެއާލަށް މަޖުބޫރުވި އެންމެ ބޮޑު ސަބަބަކީ ސްޕެއިނުގެ ފުޓްބޯޅައިގެ ގަވައިދު ބުނާގޮތުން ވަގުތީ އެއްބަސްވުމެއްގެ ދަށުން ކޯޗަކަށް މަސައްކަތްކުރެވޭނީ ދެ ހަފްތާ ވަންދެއް ކަމަށް ވުމުންނެވެ.
ސޮލާރީ ވަގުތީ ކޯޗަކަށް ގެނައުމަށް ފަހު ރެއާލުން ފުރަތަމަ މަސައްކަތްކުރީ ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނާށެވެ. އެކަމަކު ކޮންޓޭގެ ބައެއް ޝަރުތުތަކާ މެދު ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ހިތްހަމަ ނުޖެހުންތަކެއް ހުރުމުން އެކަން ކުރިއަށް ނުދިޔަ އެވެ. އޭގެ ފަހުން އަލުން ޒިދާން ގެންނަން ރެއާލުން ކުރި މަސައްކަތާއި ދާދި ފަހުން މޮނާކޯ އިން ވަކިކުރި ލިއޮނާޑޯ ޖަޑިމް ގެންނަން ކުރި މަޝްވަރާތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނެވެ.