13 ނޮވެމްބަރ 2018 - 01:53

ކެލިފޯނިއާ (ނޮވެމްބަރު 13) - އެމެރިކާގެ ކެލިފޯނިއާގައި މިހާރު ރޯވެ އަނދަމުންދާ އަލިފާނުގައި މިހާތަނަށް 31 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކެލިފޯނިއާގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާގެ ގޮތުގައި ބެލެވޭ މި އަލިފާނުގައި މިހާތަނަށް ވަނީ 250،000 މީހުން ގެދޮރު ދޫކޮށް ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވެފަ އެވެ. ވައިގަދަވަމުން ދާއިރު އަަލިފާންގަނޑު އިތުރަށް ފެތުރިދާނެކަމުގެ ބިރު އޮތުމުން ސްޓޭޓުގެ ގަވަރުނަރު ޖެރީ ބްރައިން މިހާރު ވަނީ ގުދުރަތީ ކާރިސާއެއްގެ ގޮތުގައި އިއުލާން ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕަށް ދަންނަވައިފަ އެވެ.
އެކަމަކު ޓްރަމްޕް ކުރިން ވަނީ ކެލިފޯނިއާ އަށް ދޭ އެހީ ކުޑަކޮށްފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި އަލިފާން ރޯވެފައި ވަނީ ޖަންގަލިތައް ބެލެހެއްޓުމުގައި ފަރުވާ ކުޑަވުމުން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވެ ޓްވީޓް ކުރެއްވުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ކެލިފޯނިއާގައި ބައެއް ސެލެބްރިޓީން ދިރިއުޅޭ ގެތައް ވެސް އަލިފާނުގައި ވަނީ އަނދައިފަ އެވެ.