13 ނޮވެމްބަރ 2018 - 10:28

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމައިފި އެވެ.
މިނިސްޓަރެއްގެ ގޮތުގައި ގާތްގަނޑަކަށް ހަތް އަހަރު ހޭދަކުރެއްވި މުއިއްޒު "މިހާރު" އަށް ވިދާޅުވީ އަދިވެސް ބޭނުން ވަނީ ގައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވަން ކަމަށެވެ. ބައްޕާފުޅު، ޝައިޚް ހުސައިން އަބްދުއްރަހުމާނަކީ ވެސް ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަން ފާހަގަކުރައްވައި ވިދާޅުވީ، ހިތްވަރު ލިބިވަޑައިގަތީ ބައްޕާފުޅުގެ ފަރާތުން ކަމަށެވެ.
"ގައުމީ ޚިދުމަތުގައި ދެމިހުންނާނަން. ސިޔާސީ މައިދާނުން ދުރަށް ދާކަށް ނުވިސްނަން. އަދިވެސް ލިބޭ ފުރުސަތެއްގައި ކުރިއަށް ދާނަން،" މުއިއްޒު ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވައި އެ މަނިކުފާނުގެ ވެރިކަން ފެށުމާއެކު، ޕީޕީއެމްގައި ރައީސް އަބްދުﷲ ޔާމީނާ އެކު މިހާރު ތިއްބެވި ބޭފުޅުން ވާނީ އިދިކޮޅު ބޭފުޅުންނަށެވެ.
އެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއެއްގައި މަސައްކަތް ކުރެއްވުން އޭނާ އަށް ވާނީ، އާ ތަޖުރިބާ އަކަށެވެ.
"އިދިކޮޅުގައި ހުންނައިރު، ރައްޔިތުންނަށް ޚިދުމަތް ކުރަން އެންމެ ރަނގަޅު މަގަކަށް ވާނީ މަޖިލިސް. އަޅުގަނޑުގެ އުއްމީދަކީ މަޖިލިސްގެ މެމްބަރަކަށް ވުން. ދެން އޮންނަ ދައުރަކަށް ކުރިމަތިލުން،" މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު އަންނަ އެޕްރީލް މަހު އޮންނަ އިންތިޚާބުގައި ވާދަކުރައްވާނީ ކޮން ދާއިރާއަކުން ކަމެއް އަދި ނުނިންމަވަ އެވެ. ދާއިރާ ކަނޑައަޅުއްވާނީ، ޕީޕީއެމްގެ މަޝްވަރާއާ އެކު ކަމަށް، ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ މެނިފެސްޓޯ ތަންފީޒު ކޮށްދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި މިހާރު ޕީޕީއެމާ ގުޅިވަޑައިގެންފައިވާ މުއިއްޒު ކެބިނެޓަށް ވަޑައިގަތީ، އެމްޑީއޭ އަށް ކަނޑައެޅި ސްލޮޓްތަކުން ކުރީގެ ލީޑަރު އަހްމަދު ސިޔާމް ދެއްވި ފުރުސަތެއްގަ އެވެ. އޭގެ ކުރިން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި މަގާމަށް ވަޑައިގަތީ އަދާލަތު ޕާޓީ އަށް ކަނޑައެޅި ސްލޮޓްތަކުން އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އެހީތެރިކަމާ އެކުގަ އެވެ.