16 އޯގަސްޓް 2016 - 06:36

ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ދަ ރިޓާންސް އޮފް ޒެންޑާ ކޭގް"ގެ ޝޫޓިންގް ނިމި އަންނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ހޮލީވުޑް ފިލްމެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ދާދިފަހުން ދީޕިކާ ވަނީ ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ހޮލީވުޑްގައި މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.
ފިލްމުގައި އޭނާ ކުޅެން ޖެހުނު ރޯލު ކަމަށްވާ ސެރެނާ އުންގާގެ ރޯލު ފުރިހަމައަށް ނުކުޅެވިދާނެކަމަށް ހިތާ ފުރަތަ ވަރަށް ހާސްވި ކަމަށް ވެސް ދީޕިކާ ބުނެފައިވެ އެވެ.
"އެންމެ ކުރީގައި އަހަރެން އަދި އިންޓަނޭޝަނަލް ޕްރޮޖެކްޓެއް ކުޅެން ތައްޔާރުނޫން ކަމުގެ އިހްސާސްތަކެއް ކުރެވުނު. މީގެ ކުރިން ވެސް އަހަންނަށް ވަރަށް ގިނަ ހޮލީވުޑް ފިލްމުތައް ކުޅުމުގެ ފުރުސަތު ލިބިފައިވޭ. އެ ފިލްމުތަކަށް ވެސް ނޫނެކޭ ބުނީ އަހަންނަށް އެ ފިލްމުތަކަށް އިންސާފު ކުރެވިދާނެކަމާ މެދު ޝައްކުވާތީ. ނަމަވެސް އަހަންނަކީ އަބަދުވެސް ކުރަން ބޭނުންވާ ކަމެއް ކުރާ މީހަކަށް ވާތީ މި ފިލްމު ގަބޫލުކުރީ،" ދީޕިކާ ބުނެފައިވެ އެވެ.
ދީޕިކާ ބުނި ގޮތުގައި ކުރިން ކުޅެން ލިބުނީ އެހާ ހިތްހަމަޖެހޭ ރޯލުތަކަށް ނުވުމަކީ ވެސް އޭނާ އެ ފިލްމުތަކަށް ނޫނެކޭ ބުނަން ޖެހުނު ސަބަބެކެވެ.
"ތުރީ އެކްސް"ގެ މިފަހަރުގެ ފިލްމުން އަނެއްކާވެސް ވިން ޑީސަލް ފެންނާނެ އެވެ. މި ސިލްސިލާގެ ފުރަތަމަ ފިލްމުގައި އޭނާ ބަތަލުގެ ބައި ކުޅުނު ނަމަވެސް ދެ ވަނަ ބައިގައި އޭނާ ބައިވެރިއެއް ނުވެ އެވެ. ކަންދިމާކުރި ގޮތުން ދެ ވަނަ ބަޔަށް މާ ބޮޑު ތަރުހީބެއް ވެސް ބެލުންތެރިންގެ ފަރާތުން ލިބިފައެއް ނުވެ އެވެ.
އެހެންކަމުން ތިން ވަނަ ބަޔަކާ އެކު މި ފިލްމު އެނބުރި އަންނައިރު ވިން ޑީސަލް ބަތަލުގެ ބައި ކުޅެފައި ވުމުން ފިލްމަށް ބެލުންތެރިންގެ ތަރުހީބު އިތުރުވާނެ ކަމަށް ބެލެވެ އެވެ. ދީޕިކާ އަށް މި ފިލްމުގެ ސަބަބުން ހޮލީވުޑްގައި ލިބޭނީ ކިހާ ވަރެއްގެ މަގްބޫލުކަމެއްކަން އެނގޭނީ ފިލްމު ރިލީޒްކުރުމަށް ފަހުގަ އެވެ.