12 ނޮވެމްބަރ 2018 - 18:37

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަމުން ގާސިމް އިބްރާހީމް އިސްތިއުފާ ދެއްވައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވީ، ޕާލަމެންޓްރީ ގުރޫޕްގެ އާ ލީޑަރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އައްޔަން ކުރަން އެ ގުރޫޕުގެ ބޭފުޅުން މިހާރު އެއްބަސްވާ ކަމަށެވެ. އެހެންވެ، ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައި އެގޮތަށް ފަހުން ފާސްކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވިގޮތުގައި ޖޭޕީގެ ޕީޖީގެ ލީޑަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ދާދި ފަހުން އިންތިޚާބު ކުރުމާ ގުޅިގެންނެވެ.
ރިޔާޒަކީ ގާސިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެކެވެ.