12 ނޮވެމްބަރ 2018 - 18:01

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ކަނޑައެޅުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް މިހާތަނަށް ކަނޑައަޅާފައި ހުންނެވި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު އެ މަގާމުން ވަނީ ވަކިކޮށްފަ އެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ރިޒާ އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކި ކުރުމާ އެކު، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފަ އެވެ.
ޖޭއެސްސީއަށް މެމްބަރަކު ކަނޑައެޅުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވާއިރު، އެ މަގާމަށް ކުރިމަތިލަނީ ކޮން މެމްބަރުންތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. މަޖިލީހުގެ މިހާރުގެ އަޣުލަބިއްޔަތު ބުރަވެފައި ވަނީ އިދިކޮޅު ކޯލިޝަނަށް ކަމަށް ވާއިރު، ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ އާ މެމްބަރަކަށް ފާސްކުރާނީ އެ ކޯލިޝަންގެ ތާއީދު އޮތް ބޭފުޅެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރު ކަމުން ރިޒާ ވަކިކުރީ އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވުމުންނެވެ. އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ވޯޓުން ރިޒާ ވަކި ކުރިއިރު، އޭނާ ވިދާޅުވަމުން ގެންދެވީ އޭނާ ޖޭއެސްސީގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާ އެކު ކަމަށެވެ.
ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާ މެމްބަރެވެ. އާންމުންގެ ތެރެއިން އެ ކޮމިޝަނަށް މެމްބަރުން ކަނޑައަޅަނީ ވެސް މަޖިލީހުންނެވެ.
ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.