"ޕީކޫ" އަށް ފަހު އަމީތާބުގެ "ޕިންކް" ރިލީޒްކުރަނީ
"ޕީކޫ" އަށް ފަހު އަމީތާބުގެ "ޕިންކް" ރިލީޒްކުރަނީ

އަމީތާބު ބައްޗަން ބަތަލުގެ ބައި ކުޅޭ ޑައިރެކްޓަރު ސޫޖިތު ސިރްކާރްގެ "ޕިންކް"ގެ ފުރަތަމަ ޓްރެއިލާ ނެރެފި އެވެ. މިއީ އަބަދުވެސް ގިނަ ބަޔަކު ކުރަމުންދާ ސުވާލުތަކަކާއި އޭގެ ޖަވާބު ލިބިގެންދާނެ ފިލްމެއް ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނެ އެވެ.

މި ފިލްމުގައި އަމީތާބު ކުޅެނީ ގާނޫނީ ވަކީލެއްގެ ރޯލެވެ.

"ޕިންކް" އަކީ ތިން އަންހެންކުއްޖަކަށް ދިމާވާ ހާދިސާތަކެއްގެ ވާހަކައެކެވެ. މި ތިން އަންހެންކުދިންގެ ރޯލު ފިލްމުގައި އަދާކުރަނީ ތަޕާސީ ޕަންނޫ، ކީރްތީ ކުލްހާރީ އަދި އެންޑްރިއާ ޓެރިއެންގް އެވެ. މި ތިން ކުދިންނަކީ ވެސް ރާޖްވީރް (އަންގަދް ބޭދީ)ގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ތިން ކުދިންނެވެ. ނަމަވެސް މައްސަލައިގައި ރާޖްވިރް ސަލާމަތްވެ މި ތިން ކުދިން ބެދެ އެވެ.

"ޕިންކް" ގައި ދައްކުވައިދެނީ އަންހެންކުދިން ޖިންސީ ގޯނާގެ ޝިކާރައަށްވާ ހާލަތްތަކާއި އެފަދަ ކުދިންމާ ދޭތެރޭ ކުރެވޭ ގޯސް ހީތަކެވެ. އަދި އަމިއްލަ ނަފްސުގެ ދިފާއުގައި ކުރެވޭ ކަމަކުން ޖަލަށް ދާން ޖެހިދާނެ ގޮތްތަކެވެ.

ފިލްމު ޝޫޓްކޮށްފައި ވަނީ އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލަތައް އެންމެ ގިނަ ދިއްލީގަ އެވެ.

މި ފިލްމުގައި ޖާޔާ ބައްޗަން ވެސް ރޯލެއް ކުޅޭ ކަމަށް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ އަނިރުދާ ރޯއި ޗައުދަރީ އެވެ. ޕްރޮޑިއުސްކުރަނީ ސޫޖިތު ސިރްކާރް އާއި ރަޝްމީ ޝަރުމާގެ ޕްރޮޑަކްޝަން ހައުސްތަކުންނެވެ.