މަޖިލީހުގެ މެންބަރުން އިތުރުނުކުރަން ގާނޫނު އަސާސީ އަށް އިސްލާހެއް
މަޖިލީހުގެ މެންބަރުން އިތުރުނުކުރަން ގާނޫނު އަސާސީ އަށް އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން މިހާރު ތިބި އަދަދަށް ވުރެ އިތުރު ނުކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ގާނޫނުއަސާސީގެ 71 އާއި 72 ވަނަ މާއްދާ އިސްލާހު ކުރުމަށް ޚަލީލް މިއަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދަކީ 2014 ވަނަ އަހަރު މަޖިލީހުގެ ދާއިރާތައް ބަހައި، ކަނޑައެޅި 85 މެންބަރުންނެވެ.

ގާނޫނުއަސާސީ އަށް އެ އިސްލާހު ގެނެސްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރެއް ނުވާނެ އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހެއް މި ހުށަހެޅީ، މާލޭގެ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި ދެ އިންތިހާބީ ދާއިރާ އުފައްދައި އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކޮށްފައި ވަނިކޮށެވެ.

ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ފުރަތަމަ 5،000 މީހަކަށް މެމްބަރެއް ނުވަތަ 5،000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ މަގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް އަދަދު ކަނޑައަޅައި ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅާފައި މި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ދައުރަކު ވެސް އިތުރުވާތީ އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.