12 ނޮވެމްބަރ 2018 - 16:21

ޑާކާ (ނޮވެމްބަރު 12) - ބަންގްލަދޭޝްގައި އަންނަ މަހު ބާއްވާ އާއްމު އިންތިޚާބު އެންމެ ބޮޑު އިދިކޮޅު ޕާޓީން ބޮއިކޮޓް ނުކުރާނެ ކަމަށް ބުނެފި އެވެ.
އިންތިޚާބު ބާއްވާ އިރު އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާ ހުންނެވީ ކޮރަޕްޝަނުގެ ކުށުގައި ޖަލުގަ އެވެ. ނަމަވެސް އެ ޕާޓީގެ ސީނިއާ ލީޑަރެއް ކަމަށްވާ ކަންދަކަރު މުޝައްރަފް ހުސައިން ވިދާޅުވީ ބޮޑު ވަޒީރު ޝެއިޚް ހަސީނާއާ ދެކޮޅަށް ޕާޓީން ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ އިންތިޚާބު ބީއެންޕީ އިން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. އެ ފަހަރުގެ އިންތިޚާބުގައި ބީއެންޕީ ވާދަ ނުކުރީ ވޯޓު އޮޅުވާލަން ސަރުކާރުން ރާވާފައިވާ ކަމަށް ބުނެ އެވެ. އިދިކޮޅު ޕާޓީ ވާދަ ނުކުރުމުން ޝެއިޚް ހަސީނާ ވަނީ ފަސޭހަ ކަމާ އެކު އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ.
ބީއެންޕީން ބުނީ ޑިސެމްބަރު 23 ވަނަ ދުވަހު ބާއްވާ އިންތިޚާބު ވެސް މިނިވަން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވާ އިރު ޕާޓީގެ ލީޑަރުގެ އިތުރުން އެ ޕާޓީ އަށް ނިސްބަތްވާ 5،000 އެކްޓިވިސްޓުން ބަންްދުކޮށްފައިވާ ކަމަށް ވެސް ބީއެންޕީން ބުންޏެވެ. އަދި ޕާޓީގެ ލީޑަރު ބަންދުކޮށްފައި ވަނީ ސިޔާސީ ރޭވުމެއްގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ.