އިންތިޚާބު ހުއްޓުވޭނެ ގޮތެއް ނޯންނާނެ: ރާޖަޕަކްސާ
އިންތިޚާބު ހުއްޓުވޭނެ ގޮތެއް ނޯންނާނެ: ރާޖަޕަކްސާ

ކޮލަމްބޯ (ނޮވެމްބަރު 12) - ޕާލަމެންޓް އުވާލުމަށް ފަހު އަންނަ ޖެނުއަރީ މަހު ބާއްވަން ރައީސް މައިތުރިޕާލާ ސިރިސޭނާ ބާއްވަން ނިންމެވި އިންތިޚާބު ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށް ބޮޑު ވަޒީރުކަމަށް ހަމަޖެއްސި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ޕާލަމެންޓް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ލަންކާގެ ބައެއް ޕާޓީތަކުން މިއަދު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ރާޖަޕަކްސާ ވިދާޅުވީ އިންތިޚާބު ހުއްޓުވޭނެ މީހަކު ނުހުންނާނެ ކަމަށެވެ.

"އިންތިޚާބު ޝެޑިއުލްކުރި ތާރީޚުގައި އޮންނާނެ. އަދި އެ އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާޖަޕަކްސާ އިއްޔެ ވިދާޅުވި އެވެ. "ބައިނަލްއަގުވާމީ މުޖްތަމައަށް ވެސް އެނގޭނެ މިއީ ޑިމޮކްރެސީކަން. މިއުޅެނީ ރައްޔިތުންގެ ފަރާތުން މެންޑޭޓެއް ހޯދަން."

ރާޖަޕަކްސާ ވިދާޅުވީ ޕާލަމެންޓް އުވާލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ގާނޫނީ ފަރާތްތަކާ ބައްދަލުކުރަމުންދާ ކަމަށެވެ.

ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިން ނަމަވެސް އެކަން އަދި މިހާތަނަށް ބަލައިގެންފައި ވަނީ ޗައިނާ އިން އެކަންޏެވެ.

ލަންކާ ޕާލަމެންޓް އުވާލުމަށް ފަހު އާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު 5 ވަނަ ދުވަހު އެވެ.