12 ނޮވެމްބަރ 2018 - 12:07

ސިޑްނީ (ނޮވެމްބަރު 12) - އޮސްޓްރޭލިއާގައި އުފެއްދި ސްޓްރޯބެރީން ތިނޯހާއި ޕިން ފެނުނު މައްސަލާގައި 50 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ސްޓްރޯބެރީން ތިނޯސް ފެނުނު މައްސަލަ ސެޕްޓެމްބަރު މަހު ބޮޑުވުމުން އޮސްޓްރޭލިއާގެ ސްޓްރޯބެރީ މާކެޓަށް ބޮޑު ގެއްލުމެއް ލިބުނެވެ. ސްޓްރޯބެރީ އަށް ތިނޯސް ލެއްވިކަމުގެ ތުހުމަތު އެންމެ ބޮޑަށް ކޮށްފައި ވަނީ ސްޓްރޯބެރީ ދަނޑެއްގައި ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި އަންހެނަކަށެވެ. އޭނާގެ މައްޗަށް ވަނީ ހަތް ކުށެއްގައި ދައުވާ އުފުލައިފަ އެވެ. އޭނާ މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.
ސްޓްރޯބެރީ އަށް ތިނޯސް ލީ މައްސަލައިގައި މީހަކު ހައްޔަރު ކުރުމުން ކްއީންސްލޭންޑް ސްޓްރޯބެރީ ގްރޯވާސް އެސޯސިއޭޝަނުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ސްޓްރޯބެރީ އަށް ތިނޯސް ލައިގެން އާއްމު ރައްޔިތުން ނުރައްކަލުގެ ތެރެއަށްލީ ބަޔަކު އެނގިއްޖެ ނަމަ އެ ބައެއްގެ އަދަބަކީ 15 އަހަރަށް ޖަލަށްލުން ކަމަށް އޮސްޓްރޭލިއާ އިން ކުރިން ވަނީ ނިންމައިފަ އެވެ. ކާބޯތަކެއްޗަށް ނުރައްކާވާދަ ގޮތްގޮތް ހަދާ މީހުންނަށް ކުރިން ދޭ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް ސްޓްރޯބެރީން ތިނޯސް ފެނުނު މައްސަލައާ ގުޅިގެން އޮސްޓްރޭލިއާގެ ޕާލަމެންޓުން އެ އަދަބު ވަނީ 15 އަހަރަށް ބަދަލު ކުރަން ފާސްކޮށްފަ އެވެ.