12 ނޮވެމްބަރ 2018 - 11:57

ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ބޭންކިން ކޮންފަރެންސް ބޭންކް އޮފް މޯލްޑިވްސް އިން އިންތިޒާމު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލްއިން އިންތިޒާމު ކޮށްގެން ބާއްވަން ހަމަޖެހިފައި ވަނީ މި މަހު 15 އާއި 16 ގައި ބާއްވާ 35 ވަނަ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ އަހަރީ ކޮންފަރެންސް ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ. އަދި އޭޝިއާގެ ބޮޑެތި މާލީ އިދާރާތަކުގެ ސީއީއޯއިންނާއި، އިސްވެރިން ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ ފުުރަތަމަ ކޮންފަރެންސްގައި 25 ގައުމެއްގެ 100 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް ބީއެމްއެލް އިން ފާހަގަކޮށްފައި ވެއެވެ.
"ބޭންކިން އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއާ"ގެ ޝިއާރުގެ ދަށުން މި އަހަރު ބާއްވާ ކޮންފަރެންސްގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން އޭޝިއާގައި ބޭންކިން ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު މާލީ ދާއިރާގެ ހަރުދަނާ ކަމާއި، އެ ދާއިރާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ވެސް މި ކޮންފަރެންސްގައި މަޝްވަރާ ކުރަން ވަނީ ހަމަޖެހިފަ އެވެ.
އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ހިދުމަތް ފޯރުކޮށްދޭ ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. ޓެކްނޮލްޖީ އަށް މުހިންމު އިސްކަމެއްދޭ ބީއެމްއެލް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ބޭންކިން ހިދުމަތް ދޭން ފެށި ބޭންކު ވެސް މެއެވެ.