ތެލުގެ އަގު ފުރަތަމަ ފަހަރަށް މި އަހަރު 50 ޑޮލަރަށް އަރައިފި
ތެލުގެ އަގު ފުރަތަމަ ފަހަރަށް މި އަހަރު 50 ޑޮލަރަށް އަރައިފި

ތެލުގެ އަގު މި އަހަރު ފުރަތަމަ ފަހަރަށް 50 ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ.

ތެލުގެ އަގު މައްޗަށް ޖެހެން ފަށާފައި މި ވަނީ ތެލުގެ ސަޕްލައި އަށް ބަދަލުތަކެއް އައިސް ތެލުގެ ޑިމާންޑް ބޮޑުވަމުންދާތީ އެވެ. ސަޕްލައި އަށް ބަދަލު އައިސްފައި ވަނީ ކެނެޑާގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެންނެވެ. ކެނެޑާ އަކީ އެމެރިކާ އަށް އެންމެ ގިނައިން ތެޔޮ ސަޕްލައި ކުރާ ގައުމެވެ.

މި އަހަރު ފެށުނުއިރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 28 ޑޮލަރަށް ވުރެ ދަށަށް ވެއްޓިފަ އެވެ. އެ ފަހަރު ތެލުގެ އަގު ވަނީ 13 އަހަރު ދުވަހު ތެރޭ ނުދާ ވަރަށް ދަށްވެފަ އެވެ. އެކަމަކު އޭރު ތެލުގެ އަގު ހުރި މިންވަރާ ބަލާއިރު މިހާރު ވަނީ އަގު 80 ޕަސެންޓަށް ބޮޑުވެފަ އެވެ.

ތެލުގެ އަގު މައްޗަށް ދިޔަ އަނެއް ސަބަބަކީ ސަޕްލައި ދަށް ކުރުމަށް ރަޝިޔާ އާއި އޯޕެކުގެ ގައުމުތަކާ ދެމެދު އެއްބަސްވުމަކަށް އައުމެވެ.

ތަޖުރިބާކާރުން ބުނަނީ މި އަހަރުގެ ފަހު ހަ މަސް ދުވަހު ތެލުގެ އަގު އެވްރެޖްކޮށް ހުންނާނީ 50 ޑޮލަރުގައި ކަމަށެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅު ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ތެޔޮ ކުންފުނިތަކުން މިހާރު ވެސް ވަނީ މި ނިސްބަތަށް ބަލައިގެން ބަޖެޓް ހަދަން ފަށައިފަ އެވެ. ބީޕީން ލަފާކޮށްފައި ވަނީ އަންނަ އަހަރު ތެޔޮ ފީފާއެއްގެ އަގު 50-55 ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ.