12 ނޮވެމްބަރ 2018 - 10:42

އުމުރުން 65 އަހަރު ވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ބިލް މަޖިލީހަށް ފޮނުއްވި ނަމަވެސް، އެ ބިލް އެޖެންޑާ ކުރާނެ ދުވަހެއް މަޖިލީހުން އަދި އިއުލާނެއް ނުކުރެ އެވެ.
މިހާރު ވެރިކަން ކުރާ ޕީޕީއެމުން އިސްވެ އޮވެ، ގާނޫނުއަސާސީ އަށް 2015 ގައި ގެނައި އިސްލާހުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ މީހުންގެ އުމުރަކީ 30 އަހަރުން ފެށިގެން 65 އަހަރެވެ. އެހެންވެ، 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތިލުމުގެ ދޮރު އޭރު ބަންދުވި އެވެ.
ގާނޫނުއަސާސީ އަށް އިސްލާހު ގެނައީ ޕީޕީއެމް/އެމްޑީއޭގެ ކޯލިޝަންގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާއީދާ ވެސް އެކުގަ އެވެ. ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ފާސްކުރަން ދެކޮޅު މެމްބަރުން ވެސް ތިއްބެވި އެވެ.
ފަލާހު ކުރިން ވިދާޅުވި ގޮތުގައި، އުމުރުން 65 އަހަރު ވުމުން، ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު އުވާލަން ހުށައަޅުއްވަނީ ކެރިކުޅަދާނަ ކޮންމެ މީހަކަށް އަދި ވެރިކަން ކުރުމުގެ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ދެއްވަން ބޭނުންވާތީ އެވެ.
ފަލާހު ވިދާޅުވީ އެ ބަދަލަށް ވޯޓު ދެއްވީ އޭރު ހާލަތު ދިމާކުރި ގޮތުންނެވެ. އެކަމަކު އެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއީދާ އެކު އެވެ. އެއީ މިހާރުގެ އަދަދު ކަމަށްވާ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓެވެ.
އިދިކޮޅު ފަރާތްތަކުން ކުރިން ވެސް ބުނަމުން އައީ އެ އިސްލާހު އަމާޒުކޮށްފައި ވަނީ ވަކި ބޭފުޅުންތަކަކަށް ކަމަށެވެ. އޭގެ އެންމެ ބޮޑު އަމާޒަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.