ޕީއާރުޕީ އިންޖެކްޝަން އޭޑީކޭގައި ޖަހަން ފަށައިފި
ޕީއާރުޕީ އިންޖެކްޝަން އޭޑީކޭގައި ޖަހަން ފަށައިފި

އޭޑީކޭގައި ޕްލެޓްލެޓް ރިޗް ޕްލާސްމާ (ޕީއާރުޕީ) އިންޖެކްޝަން ޖަހަން ފަށައިފި އެވެ. ރާއްޖޭގައި މުޅިން އަލަށް ފެށި މި ފަރުވާ އަކީ ހަށިގަނޑުގެ އެކި ހުޅުތަކާއި މަސްތަކުގައި ދިގު މުއްދަތެއް ވަންދެން ނުފިލައި ހުންނަ ތަދުތަކާއި އެހެން ވެސް ކަންކަން ރަނގަޅުކުރަން ޖަހާ އިންޖެކްޝަނެކެވެ.

ޕީއާރުޕީ އިންޖެކްޝަން އޭޑީކޭގައި ޖަހަން ފަށައިފި
ޕީއާރުޕީ އިންޖެކްޝަން އޭޑީކޭގައި ޖަހަން ފަށައިފި

މީގެ ތިން ހަފުތާ ކުރިން ފަށައި މިހާރު ހަތަރު މީހަކަށް މި އިންޖެކްޝަން ޖަހައިގެން ފަރުވާ ދީފައިވެ އެވެ. އޭގެ ތެރޭގައި އަތުގެ ލިގަމެންޓަކަށް އަނިޔާ ލިބިފައިވާތާ ދެ އަހަރު ވެފައިވާ 14 އަހަރުގެ އަންހެން ކުއްޖަކު ހިމެނެ އެވެ. އެ ކުއްޖާގެ އަތަށް ތަދުވާތީ ކުރި އެކި ފަރުވާތަކުން ހައްލެއް ނުލިބި ވަނިކޮށް ޕީއާރުޕީ އިންޖެކްޝަން ޖެހިފަހުން ތަދު ވެސް ރަނގަޅުވެ އަތުގެ ހަރަކާތްތައް ކުރަމުން އަންނަ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު އަހްމަދު ތައުމީން ވިދާޅުވި އެވެ.

"މި އިންޖެކްޝަން ޖަހައިގެން ވަރަށް ބޮޑު ތަފާތެއް ތަދަށް އަދި އެ ކުއްޖާގެ އަތުގެ ހަރަކާތަށް ވެސް ވަނީ އައިސްފައި،" އޭނާ ވިދާޅުވި އެވެ.

"މި އިންޖެކްޝަން ޖަހަން ބަލި މީހާގެ އަމިއްލަ ހަށިގަނޑުން ލޭ ނަގައިގެން އެ ލޭ މެޝިނަކަށް ލައިގެން އޭގައި ހުންނަ ވަކި މާއްދާތަކެއް، ޕްލެޓްލެޓް ކިޔާ ސެލްތަކެއްގެ ކޮންސެންޓްރޭޝަން އިތުރުވާ ގޮތަށް ތައްޔާރުކޮށްފައި އޭގެއިން އެތިކޮޅެއް ނަގަނީ. އޭތިކޮޅު ނަގާފައި އަޅުގަނޑުމެން މި އިންޖެކްޓްކުރަނީ ވަކި ކަހަލަ ހާލަތްތަކެއްގައި ފަރުވާ ދޭން،" ތައުމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީއާރުޕީ އެންމެ ގިނައިން ބޭނުން ކުރަނީ ސްޕޯޓްސް އިންޖަރީތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމަށެވެ. އޭގެ އިތުރުން ހަށިގަނޑުގެ ބައެއް ތަންތަނުގައި ހުންނަ މަސްތަކާއި މަސްގަނޑު ދެމިގެން ނުވަތަ ވާންވެގެން ދިގު މުއްދަތަކަށް ރަނގަޅު ނުވެ ހުންނަ އަނިޔާތަކަށް ވެސް އިންޖެކްޝަނަކީ ބޭނުންތެރި ފަރުވާއެއް ކަމަށް ތައުމީން ވިދާޅުވި އެވެ.

"މި އިންޖެކްޝަން ގިނަ ފަހަރަށް ބޭނުންކުރަނީ އެހެން ފަރުވާ ތަކުން ރަނގަޅު ނުކުރެވި ދިގު މުއްދަތެއްވީ ތަދު ތަކަށް. މަސްގަނޑާއި ކަށިގަނޑާ ގުޅޭ ތަންތަނާއި ކޮނޑަށް ލިބިފައި ހުންނަ އަނިޔާތަކަށް ފަރުވާދޭން،" އޭނާ ވިދާޅުވި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފަށައި މިހާރު މި އިންޖެކްޝަން ޖެހުމަކީ އޭޑީކޭ އިން ދެކޭގޮތުގައި، މުޅި ރާއްޖޭގެ ވެސް ސިއްހީ ދާއިރާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދިވެހިންނަށް އަނެއްކާވެސް ސިއްހީ އާ ހިދުމަތެއް އޭޑީކޭ އިން ތައާރަފްކުރެވުމަކީ އެތަނުގެ ކަށީގެ ޑިޕާޓްމެންޓަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ތައުމީން ވިދާޅުވި އެވެ.

އާސަންދަ އިން މި ހިދުމަތް އަދި ކަވަރެއް ނުވެ އެވެ. އެކަމަކު މިި ފަރުވާ އާސަންދައިގެ ތެރޭގައި ހިމަނަން އެ ހޮސްޕިޓަލުން އަންނަނީ މަޝްވަރާކުރަމުންނެވެ.