ތާވަލުކުރި ތާރީހުގައި "ރަންގީލާ ރާޖާ" ރިލީޒް ނުކުރެވުމުން ގޯވިންދާ ރުޅިގަދަވެއްޖެ
ތާވަލުކުރި ތާރީހުގައި "ރަންގީލާ ރާޖާ" ރިލީޒް ނުކުރެވުމުން ގޯވިންދާ ރުޅިގަދަވެއްޖެ

ގޯވިންދާގެ އެންމެ ފަހުގެ ފިލްމު "ރަންގީލާ ރާޖާ" ތާވަލުކުރި ތާރީހަށް ރިލީޒް ނުކުރެވުމުން އޭނާ ރުޅިގަދަވެއްޖެ އެވެ.

ތާވަލުކުރި ތާރީހުގައި "ރަންގީލާ ރާޖާ" ރިލީޒް ނުކުރެވުމުން ގޯވިންދާ ރުޅިގަދަވެއްޖެ
ތާވަލުކުރި ތާރީހުގައި "ރަންގީލާ ރާޖާ" ރިލީޒް ނުކުރެވުމުން ގޯވިންދާ ރުޅިގަދަވެއްޖެ

ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަންގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ޕެހްލާޖު ނިހަލާނީ ޕްރޮޑިއުސްކޮށް/ޑައިރެކްޓްކޮށްފައިވާ "ރަންގީލާ ރާޖާ" ރިލީޒްކުރަން ތާވަލުކުރީ މި މަހުގެ 8 ވަނަ ދުވަހަށެވެ.

އެއީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އޮފް ހިންދުސްތާން" ވެސް ރިލީޒް ކުރި ދުވަހެވެ.

ނަމަވެސް ގޯވިންދާގެ ފިލްމު 8 ވަނަ ދުވަހު ރިލީޒް ނުކުރެވުނީ ސީބީއެފްސީން "ރަންގީލާ ރާޖާ" ފާސްކޮށް ދިނުން ލަސްކޮށް، ފިލްމުން ވިއްސަކަށް މަންޒަރު ކަނޑައިލަން އެންގުން ފަދަ ކަންކަމާ ގުޅިގެން ދިމާވި މައްސަލަތަކާ ހެދި އެވެ.

މިކަމާ ގުޅިގެން ނިހަލާނީ ވަނީ ބޮމްބޭ ހައި ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.

ނިހަލާނީ ތުހުމަތުކުރި ގޮތުގައި ސީބީއެފްސީން އޭނާގެ ފިލްމާ ދޭތެރޭ އަމަލުކޮށްފައި ވަނީ ޒާތީކޮށެވެ. އެގޮތުން އޭނާގެ ފިލްމު ފާސްކުރަން ސީބީއެފްސީ އަށް "ތަގްސް އޮފް ހިންދުސްތާން" އަށް ވުރެ މާ ކުރިން ހުށަހެޅި ނަމަވެސް، "ރަންގީލާ ރާޖާ" ގެ ފާސްނުކޮށް ދިގު ދަންމައި، ތަފާތު މައްސަލަތައް ކުރިމަތި ކުރުވަމުން ދިޔަ ކަމަށް ބުންޏެވެ.

އޭނާ ތުހުމަތުކުރި ގޮތުގައި "ރަންގީލާ ރާޖާ" ރިލީޒް ކުރަން ސީބީއެފްސީން ހުރަސްއެޅީ މިހާރުގެ ޗެއާމަން ޕްރަސޫން ޖޯޝީ، "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލު އާމިރު ހާނާ ގާތް ގުޅުމެއް އޮންނާތީ، އާމިރުގެ ފިލްމާ އެއް ދުވަހެއްގައި އެހެން ފިލްމެއް ސިނަމާ އަށް ގެނެސް ނުދިނުމުގެ މަގުސަދުގަ އެވެ. ނިހަލާނީ ބުނީ ޕްރަސޫންއަކީ މިހާރުން މިހާރަށް ސީބީއެފްސީން ބޭރުކޮށްލަން ޖެހޭ މީހެއް ކަމަށެވެ.

"ރަންގީލާ ރާޖާ" ތާވަލުކުރި ދުވަހަށް ރިލީޒް ނުކުރެވުނު މައްސަލާގައި ގޯވިންދާ ރަތަށް އަރައި ބުނީ ފާއިތުވި ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބޮލީވުޑުން ބަޔަކު އޭނާއާ ޖައްސާލައިގެން އޭނާގެ ފިލްމުތަކަށް ގެއްލުން ދޭން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން ފިލްމުތައް އަޅުވަން ސިނަމާތައް ވެސް ލިބުން ދަތިވާ މައްސަލަ މި ފަހުން ވަރަށް ގިނައިން ތަޖުރިބާ ކުރަން ޖެހިފައިވާ ކަމަށް ބުންޏެވެ.

"މިއީ ކުރިން ވާ ކަމެއް ނޫން. އަދި އިންޑަސްޓްރީގައި ކުރިން ކަން ހިނގާ ގޮތެއް ވެސް ނޫން. އެކަމަކު މިހާރު މި އިންޑަސްޓްރީގެ ތެރޭގައި އެބަ އުޅޭ އަހަންނާ ޖައްސާލައިގެން އުޅޭ ބަޔަކު،" ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "މިއީ ހަގީގަތުގައި ވަރަށް ދެރަ ކަމެއް. އަހަރެން ގަބޫލު ކުރާ ގޮތުގައި ބަޔަކު ދަނީ އަހަރެންގެ ފިލްމީ ކެރިއަރު ހުއްޓުވާލަން މަސައްކަތް ކުރަމުން."

ގޯވިންދާ ބުނި ގޮތުގައި "އިލްޒާމް" އާއި "އާންކޭ" އަދި "ޝޯލާ އޯރް ޝަބްނަމް" ފަދަ ފިލްމުތައް ގެނެސް ދީފައިވާ ނިހަލާނީ ފަދަ ގިނަ ބަޔަކު އިހުތިރާމުކުރާ މީހަކާ ދޭތެރޭ ވެސް ބޮލީވުޑުން މިހާރު ކަންތައް ކުރަނީ ވަރަށް ދެރަކޮށެވެ.

"ރަންގީލާ ރާޖާ" އަށް ދިމާވި މައްސަލަތަކާ ގުޅިގެން، ފިލްމު ރިލީޒް ކުރުން އޮތީ ފަސް ކުރެވިފަ އެވެ. ބެލެވޭ ގޮތުން ފިލްމު ދެން ސިނަމާ އަށް ގެންނާނީ މި މަހުގެ 16 ގަ އެވެ.

"ރަންގީލާ ރާޖާ" އަކީ ބަނގުރޫޓްވެފައިވާ އިންޑިއާގެ މަހުޖަނު ވިޖޭ މާލިޔާ އަށް ޖޯކު ޖަހައި ހަދައިފައިވާ ފިލްމެކެވެ. މީގައި ގޯވިންދާ ކުޅެފައި ވަނީ ޑަބަލް ރޯލެކެވެ.

މި ފިލްމުގެ ބަތަލާއިންގެ ތެރޭގައި ސްޓާ ޕްލަސްގެ ކުރީގެ މަގުބޫލު ޓީވީ ސިލްސިލާ "އޭކް ވީރު ކީ އަޅުދާސް...ވީރާ" ގެ ބަތަލާ ޑިގަންގަނާ ސޫރިޔާވަންޝީ ވެސް ހިމެނެ އެވެ.

"ރަންގީލާ ރާޖާ" އަކީ އޭނާގެ ދެވަނަ ފިލްމެވެ. ޑިގަންގަނާގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި ބަޓް ކޭމްޕްގެ ފްލޮޕް ފިލްމު "ޖަލޭބީ" އެވެ.