13 ނޮވެމްބަރ 2018 - 07:41

އިންޑިއާގެ ސިނަމާ އަށް އިންގިލާބެއް ގެނައި ފިލްމު "ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމު ރަސްމީކޮށް އާދީއްތަ ދުވަހު ލޯންޗުކޮށްފި އެވެ.
ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް މި ފިލްމުގެ ލީޑް އެކްޓަރުންނަކީ ސައުތުގެ މަޝްހޫރު ޒުވާން ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރް އެވެ. ގިނަ ބަަޔަކު ހަގީގަތުގައި އެންމެ އެނގެން ބޭނުން ވަނީ ރާޖަމޯލީގެ އާ ފިލްމުގެ ނަމާއި ކޮން ކަހަލަ ވާހަކައަކަށް ހަދާ ފިލްމެއްތޯ އެވެ.
އެކަމަކު ހައިދަރުއާބާދުގައި ވަރަށް ކުލަގަދަކޮށް ފިލްމު ރަސްމީކޮށް އިފުތިތާހު ކުރި އިރު ވެސް، މީގެ ނަމާއި ވާހަކައާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ. އެނގޭހާ އެއްޗަކަކީ ވޯކިން ޓައިޓްލްއަކަށް "އާރްއާރްއާރް" ގެ ނަން ދީގެން އުޅޭ ފިލްމަކީ ޑީވީވީ އެންޓަޓައިންމަންޓުން އުފައްދާ ބޮޑު ބަޖެޓް ފިލްމެއް ކަމެވެ.
ރިޕޯޓްތައް ބުނާ ގޮތުން 300 ކްރޯޑް ރުޕީސް ހަރަދުކޮށްގެން ހަދާ ފިލްމަކީ ބޮކްސިންގެ ތެރޭގައި އުޅޭ ދެބެއިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެކަމަކު ރާޖަމޯލީގެ އާ ފިލްމަކީ އަނެއްކާ ވެސް ހަމަ އޭނާގެ ބައްޕަ އަދި ކުޅަދާނަ ސްކްރީން ރައިޓަރު ކޭވީ ވިޖެންދުރަ ޕްރަސާދު ލިޔެފައިވާ ޕީރިއަޑް ޑްރާމާއެއް ކަމަށްވެ އެވެ.
ޔަގީން ނުވާ ކަމަކީ ފިލްމުގެ ޕްލޮޓެވެ. ބެލުންތެރިން ފިލްމުގެ ފެންވަރާ މެދު ޝައްކެއް ނުކުރާނެ އެވެ. ސަބަބަކީ "ބާހްބަލީ" ގެ ދެ ފިލްމުން ރާޖަމޯލީގެ ކުޅަދާނަކަމާއި ގަދަފަދަކަން މާ ބޮޑަށް ވެސް ދައްކުވައި ދީފައިވާތީ އެވެ.
އޭނާގެ އާ ފިލްމުގެ އިންތިޒާރުގައި ތިބި މީހުން މަޑުކޮށްލަން ޖެހެނީ 2020 އާ ހަމައަށެވެ. ފިލްމު ސިނަމާތަކަށް 2020 ގައި ގެންނަން ނިންމާފައި އޮތަސް އަދި ރަސްމީކޮށް ވަކި ތާރީހެއް ނުނިންމަ އެވެ.
ޝައުގުވެރި އަނެއް ކަމަކީ މި ފިލްމުގެ ބަތަލާއިންގެ ރޯލް ކުޅޭނެ ބަޔަކު ވެސް އިއުލާންކޮށްފައި ނެތުމެވެ. އެއީ ވެސް މި ފިލްމަށް އިންތިޒާރު ކުރާ މީހުން ބަލަން ބޭނުންވާ މުހިއްމު އެއް ކަންތަކެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ އެއް ބަތަލާގެ ރޯލު ވަނީ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރަށް ހުށަހަޅައިފަ އެވެ.
ފިލްމު ލޯންޗް ކިުރަން ބޭއްވި ހަފުލާގައި ރަސްމީކޮށް ފިލްމުގެ މަސައްކަތް ފައްޓައި ދިނީ އެކްޓަރު ރާމް ޗަރަންގެ ބައްޕަ އަދި ސައުތުގެ ސުޕަސްޓަ ޗިރަންޖީވީ އެވެ. މި ހަފުލާގައި "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސް ވެސް ބައިވެރި އެވެ.
ރާޖަމޯލީގެ "ބާހްބަލީ: ދަ ބިގިނިން" އަކީ 2015 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި 650 ކްރޯޑް (97 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެއަށް ހަރަދު ކުރީ 180 ކްރޯޑް ރުޕީސް (27 މިލިއަން ޑޮލަރު) އެވެ.
މިދިޔަ އަހަރު 250 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ބާހްބަލީ: ދަ ކޮންކްލޫޝަން" އަށް 1،793.08 ކްރޯޑް ރުޕީސް (270 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.