ކެންސަރުގެ ނުރައްކާ އާއިލީ ގޮތުން ވާރުތަވޭ
ކެންސަރުގެ ނުރައްކާ އާއިލީ ގޮތުން ވާރުތަވޭ

ބައެއް އާއިލާތަކުގައި ކެންސަރު ޖެހޭ މީހުން ގިނައީ ކީއްވެގެންކަން ސައިންސްވެރިން ހޯދައިފި އެވެ. ޖެނެޓިކް ޓެސްޓިން ބޭނުންކޮށްގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި ކެންސަރަށް މަގު ފަހިވާ، ޖީން މިއުޓޭޝަން އާއިލީ ގޮތުން ވާރުތަ ވަނީ އެވެ.

ލާންސިޓް އޮންކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ ކެންސަރުގެ ނާދިރު ވައްރަތެއް ކަމަށްވާ ސާކޯމާ ޖެހިފައިވާ 1100 މީހެއްގެ މައުލޫމާތު އެއްކޮށްގެން ބެލި އިރު، ކެންސަރު ޖެހުމަށް މަގު ފަހިކުރުވާ ޖީން މިއުޓޭޝަން އާއިލާގެ މެންބަރުންގެ ތެރޭގައި ވާރުތަވާކަން އެނގުނު ކަމަށެވެ.

ވާރުތަވާ ޖީން މިއުޓޭޝަންގެ ސަބަބުން އުރަމަތީ ކެންސަރާއި އޯވަރީގެ ކެންސަރާއި ގޮހޮރުގެ ކެންސަރުގެ އިތުރުން ވެސް ކެންސަރުގެ ބައެއް ވައްތަރުތައް ޖެހުމަށް މެދުވެރިވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. ދިރާސާކުރި ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ މިއީ ކެންސަރުން ސަލާމަތްވެ ތިބުމަށް ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއެރުމެއް ހޯދަން އެހީއަކަށް ވާނެ ދިރާސާއެއް ކަމަށެވެ. އަދި ކެންސަރުގެ ނުރައްކާ ބޮޑަށް އޮންނަ މީހުން ދެނެގަނެ ކެންސަރަށް ސްކްރީން ކުރަމުން ދިއުމަށް ލަފާ ދިނުމަށް ވެސް މި ދިރާސާއިން އެހީ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ޔުނިވަސިޓީ ކޮލެޖް ލަންޑަން ހޮސްޕިޓަލްސް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓާއި އިންސްޓްޓިއުޓް އޮފް ކެންސާ ރީސާޗް އަދި ރޯޔަލް މާސްޑެން އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ ތަޖުރިބާކާރުންގެ މި ދިރާސާއަށް ފަހު ބުނެފައި ވަނީ އާއިލީ ގޮތުން ކެންސަރު ވާރުތަވާ ގޮތުގެ ވަރަށް ފުރިހަމަ މަންޒަރެއް ދިރާސާއިން ފެނިފައިވާ ކަމަށެވެ.

"ވާރުތަވާ ގޮތާ މެދު ވިސްނާ ގޮތް ބަދަލުކުރަން އެބަ ޖެހޭ. ބައެއް ފަހަރު އެނގޭ އާއިލާ ތެރޭގައި ކަމެއް އުޅޭކަން. އެކަމަކު ތިމާ އަށް ނުރައްކަލެއް ނެތް ކަމަށް ޔަގީންކުރަނީ ވާރުތަވާ ގޮތާ މެދު ހީކުރެވިފައި އޮންނަ ގޮތުން. ވިސްނަންވީ، އާންމުކޮށް ކަމެއް ވާރުތަވާން އޮންނަ ގޮތަށް ނޫނަސް ތިމާއަށް ވާރުތަ ވެދާނެ ކަމަށް،" އިންސްޓްޓިއުޓް އޮފް ކެންސާ ރިސާޗްގެ ޕްރޮފެސާ އިއާން ޖުޑްސަން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ބައެއް މީހުންގެ ހަށިގަނޑުގައި މިއުޓޭޓްވާ ދެތިން ޖީން އެއް ވެސް ހުރެދާނެ ކަމަށާއި އެފަދަ މީހުންނަށް ކެންސަރުގެ ނުރައްކާ ވަކިން ބޮޑުވާނެ ކަމަށެވެ. މިފަދަ މީހުން ނިސްބަތްވާ އާއިލާ ތެރޭގައި ވެސް މި މިއުޓޭޝަން ވާރުތަވެދާނެ ކަމަށާއި މިގޮތަށް ވާރުތަވަމުން ދާއިރު ބައެއް މީހުންނަށް، މިއުޓޭޓްވާ ޖީން އިތުރަށް ލިބި ކެންސަރުގެ ނުރައްކާ އެތައް ގުނައެއް ބޮޑުވެދާނެ ކަމަށް އިއާން ވިދާޅުވެފައިވެ އެވެ.