ފޮސިލް ސްޕޯޓް ގަޑިއަށް ސްނެޕްޑްރެގަން
ފޮސިލް ސްޕޯޓް ގަޑިއަށް ސްނެޕްޑްރެގަން

ކުޅިވަރު ކުޅޭ މީހުންގެ މެދުގައި ސްމާޓްގަޑިއަކީ މިހާރު ވަރަށް އާންމު އެއްޗެކެވެ. ކުޅިވަރު ކުޅުމުގެ ތެރޭގައި ބަލަން ބޭނުންވާ ކިތަންމެ ކަމެއް މީގެ ގަޑިއެއް އަތުގައި އޮތް ނަމަ ބަލައިލެވޭނެއެވެ. ހިތުގެ ހިނގުމާއި، ފިޔަވަޅުގެ އަދަދާއި، ކަޑައްތު ކުރެވުނު ދުރުމިން ފަދަ މައުލޫމާތަކީ ކުޅިވަރަށް ޝައުގުވެރިވާ މީހުންނަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެކެވެ.

ފޮސިލް ސްޕޯޓް ގަޑިއަށް ސްނެޕްޑްރެގަން
ފޮސިލް ސްޕޯޓް ގަޑިއަށް ސްނެޕްޑްރެގަން

ފޮސިލް ސްޕޯޓަކީ މިފަދަ ގަޑި ބާޒާރަށް ނެރޭ ގިނަ ކުންފުނިތަކުގެ ތެރޭން ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ވަނީ އެ ކުންފުނީގެ ގަޑިއެއްގައި ފުރަތަމަ ފަހަރަށް ސްނެޕްޑްރެގަން ވެއާ 3100ގެ ޗިޕްސެޓެއް އަޅުވައިގެން ނެރެން ތައްޔާރުވެފައެވެ.

ފޮސިލް ސްޕޯޓް ގަޑިއަށް ސްނެޕްޑްރެގަން
ފޮސިލް ސްޕޯޓް ގަޑިއަށް ސްނެޕްޑްރެގަން

މިދިޔަ މަހު ކޮލްކޮމްއިން ތައާރަފްކުރި ސްނެޕްޑްރެގަން ޕްރޮސެސަރު އަޅުވައިގެން ނެރުނު ފޮސިލް ސްޕޯޓް ގަޑިތައް ބަލައިލަން ވަރަށް ހިތްގައިމެވެ. ރީތި ހަ ކުލައަކުން ގަޑި ލިބެން އެބަހުއްޓެވެ. ރިހިކުލައާއި ފިނިފެންމާ ރަންކުލައާއި ނޫކުލައާއި ރަތްކުލައާއި އަޅިކުލައާއި ރަންކުލައެވެ. މީގެ ތޮށިގަނޑު ހަދާފައިވަނީ ނައިލޯނާއި އެލުމިނިޔަމުންނެވެ. ގަޑީގެ ކަމަރުގެ ވެސް 28 ފަރުމާއެއް އެބަހުއްޓެވެ. މިއިން ކޮންމެ ކަމަރެއް އިޚްތިޔާރުކުރިޔަސް ފޮސިލް ސްޕޯޓްގެ އެންމެ ފަހު ގަޑި އަތަށް ލުއިވެފައި ގެންގުޅެން ފަސޭހައެވެ. ފޮސިލްއިން ބުނާ ގޮތުގައި މިއީ މިހާތަނަށް އުފެއްދި އެންމެ ލުއި ސްމާޓްގަޑިއެވެ.

ވެއާ އޮޕަރޭޓިންގް ސިސްޓަމުން މަސައްކަތްކުރާ ފޮސިލްގެ މިގަޑި، ދެ މިނަކުން ލިބެން ހުރެއެވެ. އެއީ މޫނުމަތީގެ ވަށަމިނުގެ ފުޅާމިން 41 މިލިމީޓަރާއި 43 މިލިމީޓަރެވެ. ހީވާގޮތުން ކުދި މިނުގެ ގަޑި ކަމުދާނީ އަންހެނުންނަށެވެ. ދެ ގަޑީގައިވެސް ބައި އިންޗީގެ އެމޯލެޑް ޓަޗް ސްކްރީނެއް އަޅުވާފައިވެއެވެ.

ފޮސިލް ސްޕޯޓް ގަޑި ފަރުމާކޮށްފައިވަނީ ކުޅިވަރު ކުޅޭ މީހަކަށް އެނގެންޖެހޭ ގިނަ މައުލޫމާތުތައް ހޯދޭ ގޮތަށެވެ. އޭގެ ތެރޭގައި ހިތުގެ ހިނގުން ބަލައިދޭ މޮނިޓަރެއް ހިމެނެއެވެ. މީގެ އިތުރުން ފޯނާ ނުލައި ކަސްރަތަށް ނުކުތަސް ފުދޭ މިންވަރަށް މި ގަޑި ވަނީ ފައްކާކޮށްފައެވެ. މިސްރާބު ބަލައިދޭ ޖީޕީއެސްއާއި، ފައިސާއާ ނުލައި ވިޔަފާރިކުރުމަށް ބޭނުންވާ އެންއެފްސީ ޕްރޮގްރާމްވެސް މިއަށް އަޅާފައިވެއެވެ. މިއީ ފެން ނުވަންނާނެހެން ފަރުމާކޮށްފައިވާ ގަޑިއެކެވެ. 50މީޓަރު އަޑިއަށް ފީނާއިރުވެސް ގަޑި އަޅައިގެން ދިޔުމަކުން އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށްވެއެވެ. މީގެ އިތުރުން މި ގަޑީގެ މެމޮރީގައި 512 އެމްބީ ރެމް ހިމެނެއެވެ. އަދި އިންޓާނަލް މެމޮރީގައި ވަނީ 4 ޖީބީއެވެ.

އައިފޯނާއި އެންޑްރޮއިޑްގެ ބައެއް ފެންވަރުގެ ފޯނާއެކު ފޮސިލް ސްޕޯޓް ގަޑި ބޭނުންކުރެވޭނެއެވެ. މި ވަގުތު ފޮސިލް ސްޕޯޓްގެ ވެބްސައިޓްގައި މީގެ ގަޑި ވިއްކަނީ 255 އެމެރިކާ ޑޮލަރަށެވެ.