ކަސްރަތުގެ ފައިދާ ބޮޑީ ފައިދާވާނެ ކަމަށް ގަބޫލުކުރާ މީހުންނަށް
ކަސްރަތުގެ ފައިދާ ބޮޑީ ފައިދާވާނެ ކަމަށް ގަބޫލުކުރާ މީހުންނަށް

ކަސްރަތު ކުރުމުން ސިއްހަތަށް ފައިދާކުރާނެ ކަމަށް ބޮޑަށް ގަބޫލުކުރާ މީހުންނަށް ކަސްރަތުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ފައިދާތައް އިތުރަށް ލިބޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޖަރުމަނުގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ ބައިސްކަލް ދުއްވުމަކީ ސިއްހަތަށް ފައިދާހުރި ކަމެއްގެ ގޮތުގައި ގަބޫލުކޮށް އެކަން ކުރި މީހުންނަށް ކުރި ފައިދާ، އޭގެ އިދިކޮޅަށް ވިސްނި މީހުންނަށް ކުރި ފައިދާ އަށް ވުރެ ބޮޑުކަން ދިރާސާއިން އެނގުނު ކަމަށެވެ.

ޔުނިވަސިޓީ އޮފް ފްރެއިބާގްގެ ސައިކޮލޮޖިސްޓުން މި ދިރާސާކުރުމަށް ވަނީ އުމުރުން 18-32 އަހަރާ ދެމެދުގެ 76 މީހަކު ލައްވާ 30 މިނެޓް ވަންދެން ކަސްރަތު ކުރުވަން ބައިސްކަލް ދުއްވައިފަ އެވެ. އަދި މިކަން ކުރަން ފެށުމުގެ ކުރިން ވަނީ އެ މީހުންގެ މޫޑު ހުރި ގޮތާއި ސިއްހަތާ މެދު ދެކޭ ގޮތާއި ކަސްރަތުގެ މުހިންމުކަން ފަދަ ކަންކަމާ މެދު ދެކޭ ގޮތް ބެލުމަށް ސުވާލުތަކެއް ކޮށް ޖަވާބު ހޯދައިފަ އެވެ.

ދިރާސާއިން ދެއްކީ ކަސްރަތަކީ ފައިދާހުރި ކަމެއްގެ ގޮތުގައި ބޮޑަށް ގަބޫލުކުރި މީހުން ކަސްރަތުކުރި އިރު އެކަމާ ގަޔާވި މިންވަރު ބޮޑު ކަމާއި ކަސްރަތަށް ފަހު އެ މީހުންގެ މޫޑު ވެސް، ކަސްރަތާ މެދު އުންމީދެއް ނެތް މީހުންނަށް ވުރެ ރަނގަޅުވި ކަމެވެ.

އެކަމަކު ކަސްރަތުން ފައިދާ ނުކުރާނެ ކަމަށް ގަބޫލުކޮށްގެން ތިބި މީހުންނަށް ވެސް ފައިދާކުރެ އެވެ. އެކަމަކު ކަސްރަތާ މެދު ރަނގަޅަށް ދެކޭ މީހުންނަށް ލިބުނު ވަރުގެ ފައިދާއެއް ނުކުރެ އެވެ.