11 ނޮވެމްބަރ 2018 - 20:48

އިސްލާމް ދީނަށް ފުރައްސާރަކޮށް، ފޭސްބުކް ޕޭޖެއްގައި ލިއުމާއި ފޮޓޯ އާއްމުކުރާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ލިޔެ، ފޭސްބުކްގައި ފަތުރަމުންދާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ދިވެހިން ލިއުންތައް އާއްމުކުރާ އެ ޕޭޖަށް އަދިވެސް ވަދެވެ އެވެ.
އޭގައި، މާތްﷲ އާއި ރަސޫލާ އަށް ނިސްބަތްކޮށް ކާޓޫނު ކުރަހައި، ހުތުރު ބަހުން ފުރައްސާރަކޮށް، ގުރުއާނުގެ އާޔަތްތަކާ ގުޅުވައިގެން ވެސް ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާފައިވެ އެވެ. މި ޕޭޖުގައިވާ ޕޯސްޓުތަކަށް އެނގޭ ގޮތުގައި، މިގޮތަށް މިކަން ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އިސްލާމްދީނާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ ލިޔެ ފެތުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. މީގެކުރިން، މިގޮތަށް ހިންގި ބައެއް ޕޭޖުތަކުގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ބެލުމަށް ފަހު، އެ ޕޭޖުތަކަށް ނުވަދެވޭ ގޮތް ހަދާފައިވެ އެވެ.