ވައި ސާފުކުރަން ޗައިނާގައި ބިޔަ ޓަވަރެއް
ވައި ސާފުކުރަން ޗައިނާގައި ބިޔަ ޓަވަރެއް

ވައި އެންމެ ތަޣައްޔަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އާބާދީ އެންމެ ބޮޑު ޗައިނާގެ ވައި ސާފުކުރަން ބިޔަ އެއާ ޕިއުރިފަޔާ ޓަވަރެއް ބަހައްޓައި ބޭނުންކުރަން ފަށައިފި އެވެ.

އުސް މިނުގައި 100 މީޓަރު ހުންނަ މި ޓަވަރު ހަދާފައި ވަނީ އެ ގައުމުގެ ޒިއާން ސިޓީގެ ޝާންޒީ ޕްރޮވިންސްގަ އެވެ. މި ޓަވަރުން ދުވާލެއްގެ މައްޗަށް 100 ކިއުބިކް މީޓަރުގެ ސާފު ވައި އުފައްދަ އެވެ. މި ފަރުމާކޮށްފައި ވަނީ ޖައްވު ތެރޭގައި ހުންނަ ނުސާފު ވައި ޓަވަރުގެ ތެރެއަށް ދަމައި ގަނެ، ޓަވަރުގެ ތެރޭގައި ވައި ފިލްޓާ ކުރުމަށް ފަހު، "ސާފު ތާޒާ ވައި" އަލުން ޖައްވަށް ބޭރުވާ ގޮތަށެވެ.

ޝާންޒީ ޕްރޮވިންސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ޓަވަރުން އުފައްދާ ވައި ސާފު ވައިގެ ސަބަބުން އެ ޕްރޮވިންސްގެ ވައިގެ ނުސާފު ކަމަށް މިހާރު ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފަ އެވެ. އަދި މީގެ ފައިދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ދެހާސް ފަނަރައިގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ސައިންޓިސްޓް ކައޯ ޖުންޖީ ސައުތު ޗައިނާ މޯނިން ޕޯސްޓަށް ވިދާޅުވި ގޮތުގައި ޓަވަރުގެ މަސައްކަތް އަދި ޓެސްޓް ކުރުމުގެ މަރުހަލާގައި ހުރި އިރު ވެސް އުންމީދީ ނަތީޖާތަކެއް ވަނީ ފެންނަން ފަށައިފަ އެވެ.

"މީތި ޓެސްޓް ކުރަން ފެށި ފަހުން ކުރިއަށް ވުރެ މާ ބޮޑަށް ވެސް ޝާންޒީގެ ވައި ސާފުވާން ފަށައިއިފި،" އޭނާ ވިދާޅުވި އެވެ. "އެކަންމި މި ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު ވަރަށް ބޮޑަށް ފާހަގަކުރެވޭނެ."

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ޓަވަރުގެ ތަޖުރިބާ އަށް ބަލައިފައި ޗައިނާގެ އިތުރު ސިޓީތަކުގައި ވައި ސާފު ކުރާ ޓަވަރުތައް ސަރުކާރުން ގާއިމު ކުރަން ވަނީ ނިންމައިފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވައިގެ ނުސާފުކަމާ ހުރެ ދިމާވާ ސިއްހީ މައްސަލަތަކުގައި ޗައިނާގައި އަހަރަކު މަދުވެގެން 1.1 މިލިއަން މީހުން މަރުވެ އެވެ. އަދި މީގެ ސަބަބުން އެ ގައުމުގެ އިގުސިދާށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ.