ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރު ރިލީޒް ވާން ހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު އެއް ފިލްމުގެ ތެރޭގައި ރަންވީރު ސިންގްގެ "ސިމްބާ" ހިމެނެ އެވެ. މަސަލާ އެންޓަޓައިނާތައް އުފައްދަން ކުޅަދާނަ ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

"ސިމްބާ" އަކީ ކަރަން ޖޯހަރުގެ ދަރްމާ އިން އުފައްދާ ފިލްމެކެވެ. އަދި މިއީ ރަންވީރު ކުޅޭ އެ ސްޓޫޑިއޯގެ ފުރަތަމަ ފިލްމު ވެސް މެ އެވެ. ރޯހިތުގެ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި "ގޯލްމާލް އެގެއިން" އެވެ. އޭނާ މި ފަހުން ގެނެސް ދިން ހުރިހާ ފިލްމުތަކަކީ ވެސް 100 ކްރޯޑް ކުލަބުން ޖާގަ ހޯދާފައިވާ ފިލްމުތަކެވެ.

ރޯހިތު ފާހަގަ ކުރެވެނީ ބޮލީވުޑްގައި 100 ކްރޯޑްގެ ފިލްމުތައް ކަށަވަރު ކުރަން އެންމެ ފަރިތަ އެއް ޑައިރެކްޓަރުގެ ގޮތުގަ އެވެ.

ފިލްމުގެ ޓްރެއިލާ އަށް ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަ އިރު، "ސިމްބާ" ގެ ޓްރެއިލާ އަންނަ މަހުގެ 3 ގައި ބެލުންތެރިންނަށް ދޫކޮށްލާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފި އެވެ.

މި ފިލްމުގައި ރަންވީރު ފެނިގެން ދާނީ ވަރަށް ވަރުގަދަ އަދި ވަރަށް "ކޫލް" ފުލުހެއްގެ ރޯލުންނެވެ. ރޯހިތު މީގެ ކުރިން އަޖޭ ދޭވްގަންއާ އެކު ގެނެސް ދީފައިވާ "ސިންގަމް" ސީރީޒުގައި އަޖޭ ކުޅުނު ކެރެކްޓާއާ، ރަންވީރުގެ ކެރެކްޓާގައި ވަރަށް އެއްގޮތް ކަމެއް ހުއްޓަސް "ސިމްބާ" އަކީ ތަންކޮޅެއް މަޖާގޮތްގަނޑު ވެސް ބޮޑު ފިލްމަކަށް ވާނެ އެވެ.

މި ފިލްމުން ރަންވީރުއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ސާރާ އަލީ ހާނެވެ. މިއީ ސިނަމާ އަންނާނެ
އޭނާގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އަންނަ އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ "ކެދަރުނާތު" އެވެ.

"ސިމްބާ" ރިލީޒް ކުރާ ދުވަސް ގާތްވަމުން އަންނަ އިރު، ރަންވީރު މި ވަގުތު ހުރީ ބަތަލާ ދީޕިކާ ޕަދްކޯންއާ ކައިވެނި ކުރަން އިޓަލީގަ އެވެ. ދެ ތަރިން ކައިވެނި ކުރާނީ މި މަހުގެ 15 ގަ އެވެ.

ކަރަން ޖޯހަރު މީގެ 20 އަހަރު ކުރިން ގެނެސް ދިން އޭނާގެ އަލަތު ޑައިރެކްޝަން "ކުޗް ކުޗް ހޯތާ ހޭ" ގެ ދެވަނަ ބައެއް ގެނެސް ދޭން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން އެކަމާ ބެހޭ ގޮތުން ގެނެސް ހަބަރެއްގެ ލިންކަކާ އެކު ޓްވިޓާގައި ކަރަން ބުނީ "ނޯ" އެވެ. މާނައަކީ "ކުޗް ކުޗް ހޯތާ ހޭ" ގެ ދެވަނަ ބައެއް ހަދަން ނިންމާފައި ނެތްކަން އޭނާ ކަށަވަރުކޮށް ދިނުމެވެ. އެ ފިލްމަކީ ޝާހްރުކް ހާނާއި ކާޖޮލް އާއި ރާނީ މުކަރްޖީ ލީޑް ރޯލް ކުޅުނު ވަރަށް ރީތި ތިނެސްކަން ލޯބީގެ ފިލްމެކެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު "ކުޗް ކުޗް ހޯތާ ހޭ" އަށް 20 އަހަރުވެފައިވާތީ އެކަން ވެސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު "އޭ ދިލް ހޭ މުޝްކިލް" ގެނެސް ދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ 2020 ގައި ރިލީޒް ކުރާ "ތަހުތު" އެވެ. މިއީ ތާރީހީ ފިލްމެކެވެ.

މި މަހުގެ 8 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށިތާ ގަޑިއިރުތަކެއް ފަހުން "ތަގްސް އޮފް ހިންދުސްތާން" ލީކްވެއްޖެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމު އިންޓަނެޓްގައި ލީކްކޮށްލީ ޓަމިލް ރޮކާޒް ކިޔާ ވެބް ސައިޓަކުންނެވެ. އެހެންވެ ފިލްމު ދައުރުވިޔަ ނުދިނުމަށް މިހާރު ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށްވެ އެވެ.

އަދި މި މައްސަލަ ވަނީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ވެސްކޮށްފަ އެވެ. އިންޑިއާއަކީ ޕައިރޭސީގެ ޑިމާންޑް ވަރަށް ބޮޑު ގައުމެކެވެ.

"ތަގްސް އޮފް ހިންދުސްތާން" އަކީ ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓްކޮށް، އަމީތާބް ބައްޗަން އާއި އާމިރު ހާން، ކެޓްރީނާ ކެއިފް އަދި ފާތިމާ ސަނާ ޝެއިހް ލީޑް ރޯލް ކުޅެފައިވާ އެކްޝަން/އެޑްވެންޗަ ފިލްމެކެވެ.

ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމު "ސުޕަ 30" ގެ ޑައިރެކްޓަރު ވިކާސް ބާލް އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާތީ، އޭނާ ފިލްމުގެ މަސައްކަތްތަކުން ދުރުކޮށް، ފިލްމު ނިންމުމުގެ މަސައްކަތް ޑައިރެކްޓަރު ކަބީރު ހާންއާ ހަވާލުކޮށްފި އެވެ.

މީޑިއާތަކުން ބުނީ "ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ފިލްމުތައް ގެނެސް ދިން ކަބީރުއާ ފިލްމު ހަވާލު ކުރުމަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ނިންމުމެއް ކަމަށެވެ. ވިކާސް ފިލްމުން ދުރުކޮށްލި އިރު، "ސުޕަ 30" ގެ އެޑިޓިން އާއި ޑަބިން ފަދަ މަސައްކަތްތައް ބާކީ އެބަ ހުއްޓެވެ. ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ އެއްވެސް ކްރެޑިޓެއް ވެސް ވިކާސް އަށް ނުދޭން ވަނީ ނިންމައިފަ އެވެ.

"ސުޕަ 30" އަކީ އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ރިތިކާ އެކު ފިލްމުގެ ބަތަލާގެ ރޯލް ކުޅެފައި ވަނީ މުރުނާލް ތާކޫރެވެ.

ކަބީރު އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2016 ގައި ރިލީޒް ކުރި ސަލްމް ހާންގެ "ޓިއުބްލައިޓް" އެވެ. އޭނާގެ ކުރިއަށް އޮން ފިލްމަކީ ރަންވީރާ އެކު ހަދާ ކްރިކެޓް ފިލްމު "83" އެވެ.