ޑޯޓްމަންޑް އަތުން ބަލިވެ ބަޔާނަށް ހާސްކަން
ޑޯޓްމަންޑް އަތުން ބަލިވެ ބަޔާނަށް ހާސްކަން

މިއުނިކް (ނޮވެމްބަރު 11) - ޖަރުމަނު ލީގުގައި ރޭ ފަަހަތުން އަރައި 3-2 އިން ވާދަވެރި ބަޔާން މިއުނިކް ބަލިކޮށް ލީގުގެ ރޭހުގައި އެ ޓީމުގެ މައްޗަށް ބޮރޫޝިއާ ޑޯޓްމަންޑުން ބޮޑު ލީޑެއް ނެގުމާ އެކު ބަޔާނަށް ހާސްކަމަ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭގެ މެޗުން މޮޅުވެ ޑޯޓްމަންޑް އެއް ވަނައިގައި އޮތީ 11 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބެކަށް 11 މެޗުން 23 ޕޮއިންޓް ވަނީ ލިބިފަ އެވެ. ބަޔާން މި ވަގުތު އޮތީ 11 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެކަމަކު މިއަދު ކުޅޭ މެޗުން އާރީބީ ލިޕްޒިގް މޮޅުވެއްޖެނަމަ ބަޔާން ހަތަރު ވަނަ އަށް ވެއްޓޭނެ އެވެ.

ބަޔާނުން މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން ނުކުތް މި މެޗުގައި އެ ޓީމުން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި ކުރިން ޑޯޓްމަންޑަށް ކުޅުނު ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ ލަނޑުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ މާކޯ ރެއުސް ވަނީ ޕެނަލްޓީ އަކުން ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި އަނެއްކާ ވެސް ބަޔާނަށް ލީޑުނަގައިދީފަ އެވެ.

ޑޯޓްމަންޑަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗުގެ 67 ވަނަ މިނިޓްގައި އަނެއްކާ ވެސް ރެއުސް އެވެ. ޑޯޓްމަންޑަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑުނަގައިދީ އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ ސްޕެއިނުގެ ފޯވާޑް ޕަކޯ އަލްކަސޭރު އެވެ.

މިއީ 2012 ވަނަ އަހަރަށް ފަހު ލީގު ހޯދުމަށް ޑޯޓްމަންޑުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ރޭގެ މެޗަށް ފަހު އެ ޓީމުގެ ސަޕޯޓަރުން އެންމެ ބޮޑަށް އުފާފާޅުކުރީ މިދިޔަ މާޗް މަހު ބަޔާން އަތުން 6-0 އިން ވި ބަލީގެ ބަދަލު ހިފުމުންނެވެ.

ރޭގެ މެޗުން ބަލިވުމުން ބަޔާން ކޯޗު ނިކޯ ކޮވަޗަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުން ބަޔާން ވަނީ ތިން މެޗުން ބަލިވެފަ އެވެ. އަދި ޖެހިޖެހިގެން ހަތް ވަނަ ފަހަރު ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވުމުގެ ބިރުވަނީ ހީވެފަ އެވެ.

"މިއީ އަހަރެމެންނަށް އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ވީ ބައްޔެއް. އަހަރެން ނެތިން ކުޅުންތެރިންނަށް ފާޑުކިޔަން ބަލިވާއިރު ވާނީ މުޅި ޓީމު. ކޮންމެ ބައްޔަކާ އެކު ޕްރެޝަރެއް އޮންނާނެ،" މިދިޔަ ސީޒަނުގައި ފްރޭންކްފާޓަށް ކޯޗުކޮށްދިނުމަށް ފަހު މި އަހަރު ބަޔާނާ ގުޅުނު ކޮވަޗް ބުންޏެވެ.