ނޫސްވެރިޔާގެ މަރާ ގުޅުން ހުރި ރެކޯޑިން ގައުމުތަކާ ހިއްސާކޮށްފި
ނޫސްވެރިޔާގެ މަރާ ގުޅުން ހުރި ރެކޯޑިން ގައުމުތަކާ ހިއްސާކޮށްފި

އަންކަރާ (ނޮވެމްބަރު 10) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އެމްބަސީ ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅުން ހުރި ޓޭޕް ރެކޯޑިން އެމެރިކާ، އިނގިރޭސި ވިލާތް އަދި ސައުދީ އާއި އެހެން ބައެއް ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ރެކޯޑް ވަނީ ޖަރުމަނާއި ފްރާންސަށް ވެސް ދީފައި ކަމަށެވެ. އަދި ރެކޯޑިންގައި ދައްކާފައިވާ ވާހަކަތައް ގައުމުތަކުން އަޑު އަހާފައިވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީން ރެކޯޑިންއެއް ދިންކަން ނުވަތަ ނުދޭކަން ވެސް އިނގިރޭސި ފޮރިން އޮފީހުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ނޫސްވެރިޔާ މަރާ ގުޅޭ ރެކޯޑިންއެއް އޮތް ކަމަށް ތުރުކީގެ މީޑިއާތަކުން ކުރިން ބުނި ނަމަވެސް ރަސްމީކޮށް އެކަން މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެ އެވެ.

"ޓޭޕްތައް އެބަހުރި. ސައުދީ އަށް ވެސް، އެމެރިކާ، ޖަރުމަން، ފްރާންސް އަދި އިނގިރޭސި ވިލާތަށް މިހާރު ވާނީ ދީފައި،" އެއް ވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 100 އަހަރު ފުރުން ފާހަގަ ކުރަން ފްރާންސްގައި ބާއްވާ ރަސްމިއްޔާތަށް ފުރާވަޑައިގަތުމުގެ ކުރިން އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގެ ބައެއް ފަރާތްތަކުން ބުނި ގޮތުގައި 59 އަހަރުގެ ޚާޝުގްޖީގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ތުރުކީ ފުލުހުން ހޮނިހިރު ދުވަހު ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް ނޫސްވެރިޔާގެ މަރުގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.