15 އޯގަސްޓް 2016 - 06:54

އަށް ބަހަކުން ކިޔާފައިވާ ލަވަތައް ހިމެނޭ އަމިއްލަ ރާގުގެ އަލްބަމް "މިތުރު" މެލޭޝިއާގައި ލޯންޗްކޮށްފި އެވެ.
އޭޝިއާގެ ގައުމުތަކުގެ ޒުވާނުން ބާރުވެރިކުރަން ހިންގާ ބައިނަލްއަގްވާމީ ދިވެހި ޖަމިއްޔާ ރީޖަނަލް އެލަޔަންސް ފޮ ފޮސްޓަރިން ޔޫތު (ރަފީ) އިން ތައްޔާރުކޮށްފައިވާ މި އަލްބަމް މެލޭޝިއާގައި ލޯންޗް ކުރީ އަށް ވަނަ ގްލޯބަލް ކޮންފަރެންސް އެންޑް ކޮންފަމެންޓް ސެރަމަނީ (ޖީސީސީސީ) ގައި މި މަހުގެ 12 ވަނަ ދުވަހު އެވެ.
ރަފީއަކީ މޯލްޑިވްސް ނެޝަނަލް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ މެމްބަރު އަދި ކުރީގެ އެކްޓަރު އިސްމާއިލް ހިލްމީގެ އަނބިކަނބަލުން އައިޝަތު ރަފިއްޔާ އިސްކޮށް ހުންނަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ.
"މިތުރު" އަލްބަމް މެލޭޝިއާގައި ލޯންޗްކުރީ އަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައިވާ އާޓިސްޓުންގެ ހުށަހެޅުންތަކާ އެކުގަ އެވެ.
މި އަލްބަމްގައި ހިމެނެނީ އަށް ބަހަކުން އުފައްދާފައިވާ ނުވަ ލަވަ އެވެ. އަލްބަމްގެ ތީމް ލަވަ ކިޔާފައި ވަނީ ދިވެހި ބަހުންނެވެ. ލަވަތައް ރިކޯޑްކޮށްފައި ވަނީ ސަން ސިޔާމް ސްޓޫޑިއޯ އެންޑް ރިކޯޑްސްގަ އެވެ.
އަލްބަމްގައި ހިމެނޭ ލަވަތައް ހުރީ ދިވެހި، އިނގިރޭސި، ރަޝިއަން، ޗައިނީޒް، މެލޭ، އަރަބި އަދި ޓެގެލޮގް ބަހުންނެވެ.
"މިތުރު" އަލްބަމްގެ ޅެމާއި މިއުޒިކް ތައްޔާރުކޮށްފައި ވަނީ މިއުޒިކް ޕްރޮޑިއުސަރު ޒިފާން ޒާހިދެވެ.
އަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައި ވަނީ ރާއްޖޭގެ ހަ ފަންނާނެކެވެ.
އެ ލަވަކިޔުންތެރިންނަކީ މަޝްހޫރު ލަވަ ކިއުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި މޯލްޑިވިއަން އައިޑޮލް އިން ވިދާލި މުއައްޒިން ނައީމާއި މުހައްމަދު ޒަލީފް އަބްދުﷲ އާއި ނައްބަތު ޝަކީބްގެ އިތުރުން މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ ސަމާހާ މޫސާ އެވެ.
މީގެ އިތުރުން އިސްކަންދަރު ސްކޫލްގެ ގްރޭޑް ފަހެއްގައި ކިޔަވާ އުމުރުން 11 އަހަރުގެ އައިމިނަތު އައިނީ ރިލްވާންގެ އަޑު ވެސް އަލްބަމުން އިވިގެން ދާނެ އެވެ.