10 ނޮވެމްބަރ 2018 - 10:17

މެޑްރިޑް (ނޮވެމްބަރު 10) - މި މަހު ކުޅޭ ބައިނަލްއަގްވާމީ މެޗުތަކަށް ނެގި ކޮސްޓަ ރީކާގެ ގައުމީ ފުޓްބޯޅަ ޓީމުން، ރެއާލް މެޑްރިޑުގެ ގޯލްލީޕަރު ކޭލާ ނާވާސް، އޭނާގެ އެދުމުގެ މަތިން ބާކީކޮށްފި އެވެ.
މި ސީޒަނުގައި ރެއާލުން ވޯލްޑް ކަޕްގެ އެއް ވަނަ ކީޕަރުކަން ހޯދި ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ގެނައި ފަހުން ނަވާސް އަށް އެންމެ އެކަށީގެންވާ ފުރުސަތު ނުލިބެ އެވެ. އެހެންވެ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 31 އަހަރުގެ ނަވާސް ރެއާލް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.
ކޮސްޓަ ރިކާ އިން މި މަހު 15 ވަނަ ދުވަހު ޗިލީއާ ދެކޮޅަށާއި އޭގެ ހަތަރު ދުވަސް ފަހުން ޕެރޫއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑަށް ފުރަތަމަ ނަވާސް ނެގި އެވެ. އެކަމަކު ޓީމުން ވަކިވުމަށް ކޯޗު ރޮނާލްޑް ގޮންޒާލޭޒްގެ ކައިރިން ނަވާސް އެދުނީ ހާއްސަ ސަބަބެއް އޮތުމުންނެވެ.
"ނަވާސްއާ ބެހޭގޮތުން ވަރަށް ވާހަކަ އެބަ ދެކެވޭ. އަހަންނާއި އޭނާ ބައްދަލުވެއްޖެ. އޭނާގެ އެދުމުގެ މަތިން މި ފަހަރު ޓީމުގައި އޭނާ ނެތީ. މި ވަގުތު ކުޅެމުން އަންނަ ކީޕަރަކަށް ފުރުސަތު ދޭން ނަވާސް އެދުނު،" ގައުމީ ޓީމަށް 83 މެޗު ކުޅެދިން ނަވާސްއާ ބެހޭގޮތުން ކޯޗު ރޮނާލްޑް ބުންޏެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނަވާސް މަސައްކަތްކުރަމުން އަންނަނީ ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީގެ ޓީމުން ފުރުސަތު ހޯދަން ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ރެއާލުން ފާއިތުވި ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ގޯލު ބެލެހެއްޓީ ނަވާސް އެވެ.
ރެއާލުގެ ކޯޗު ސޮލާރީ ވެސް ދާދި ފަހުން ވަނީ ނަވާސް އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
"ތެދެއް އަަހަރެން ފުރުސަތު ދެނީ ކޯޓުއާ އަށް. އޭގެ މާނަ އަކީ ނަވާސް އަށް އޮތް ހުރިހާ ފުރުސަތެއް ބަންދުވީއެކޭ ނޫން. ނަވާސް އަކީ ޕްރޮފެޝަނަލް ކުޅުންތެރިޔެއް. އަހަރެން އޭނާ އަށް އިހުތިރާމްކުރަން. އޭނާ ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ޖެހޭ ސަބަބެއް ނެތް. އޭނާ އަށް ފުރުސަތު ވެސް އެބައޮތް،" ސޮލާރީ ބުންޏެވެ.
ނަވާސް ކެރިއަރު ފެށީ 2005 ވަނަ އަހަރު ކޮސްޓަ ރީކާގެ ޑިޕޯޓިވޯ ސަޕްރިސާ އިންނެވެ. އޭނާ ޔޫރަޕްގައި ފުރަތަމަ ކުޅުނީ 2010 ވަނަ އަހަރު ސްޕެއިނުގެ އަލްބެސެޓޭ އަށެވެ. ރެއާލާ 2014 ވަނަ އަހަރު ގުޅުމުގެ ކުރިން އޭނާ ވަނީ ލެވަންޓޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރެއާލުން އޭނާ ގެނައީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.