09 ނޮވެމްބަރ 2018 - 23:00

ކޮލަމްބޯ (ނޮވެމްބަރު 9) - ސްރީ ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތަކަށް ހައްލެއް ފެންނާނެހެން ހީނުވުމުން ރައީސް މައިތުރިޕާލާ ސިރިސޭނާ އެންމެ ފަހުން މިރޭ ޕާލަމެންޓް އުވާލައިފި ކަމަށް މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓް އުވާލުމުގެ ގަރާރުގައި ސިރިސޭނާ ސޮއި ކުރެއްވީ 225 މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުނު ކަމަށް ވެރިކަން ކުރާ ޕާޓީން ބުނިތާ މާގިނައިރެއް ނުވަނީހެވެ. ޕާލަމެންޓް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ފަހު ސިރިސޭނާ ގެންދަވަނީ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާގެ މަގާމު ޔަގީން ކުރަން ބޭނުންވާ ވަރަށް މެންބަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޕާލަމެންޓް ހުޅުވާނެ ކަމަށް ކުރިން ބުނީ އަންނަ ބުދަ ދުވަހު އެވެ.
ލަންކާ ސަރުކާރުގެ ނަން ހާމަކުރަން ނޭދޭ މިނިސްޓަރަކު އޭއެފްޕީ އަށް ވިދާޅުވީ މިރޭ 12 އިން ފެށިގެން ޕާލަމެންޓް އުވޭނެ ކަމަށެވެ.
"ލަފާ ކުރެވޭ ގޮތުގައި އާ އިންތިޚާބު ޖެނުއަރީ މަހު ކުރީކޮޅު އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ލަންކާގެ އާއްމު އިންތިޚާބު ބާއްވަން ޝެޑިއުލްކޮށްފައި އޮތީ 2020 ވަނަ އަހަރު އެވެ.
ލަންކާގައި ސިޔާސީ މައްސަލަގަނޑު ބޮޑުވީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ މިދިޔަ މަހު 26 ވަނަ ދުވަހު ދުރުކުރުމަށް ފަހު އެ މަގާމަށް ރާޖަޕަކްސާ ހަމަޖެއްސުމުންނެވެ. ރަނިލް ގެންދަވަނީ ގާނޫނީ ގޮތުން ބޮޑު ވަޒީރަކީ އޭނާ ކަމަށް ވިދާޅުވަމުންނެވެ. އެހެންވެ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުތުމަށް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
ޕާލަމެންޓުގެ މެޖޯރިޓީ ހޯދަން މަދުވެގެން އަށް މެމްބަރުން ބޭނުންވާ ކަމަށް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން މިއަދު ވަނީ ބުނެފަ އެވެ.
"މިހާރު ތިބީ 104 ނޫނީ 105 މެންބަރުން،" ޔޫޕީއެފްއޭގެ ތަރުޖަމާން ކަހެލިޔާ ރަމްބުކްވެއްލާ ވިދާޅުވި އެވެ.
ޕާލަމެންޓުގެ މެޖޯރިޓީ ނުލިބުނު ކަމަށް ޔޫޕީއެފްއޭ އިން މިއަދު ބުނި އިރު މިދިޔަ ހޯމަ ދުވަހު ސިރިސޭނާ ވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ކަމަށްވާ 113 މެންބަރުންގެ ތާއީދު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާ ޕާލަމެންޓް އުވާލި އިރު މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަ ހައްލު ކުރަން އަވަސް އިންތިޚާބެއް ވެސް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ނުނަގާނެ ކަމަށް ސިރިސޭނާގެ ޔޫޕީއެފްއޭގެ ޖެނެރަލް ސެކްރެޓަރީ ރޯހަނާ ލަކްޝްމަން ޕިޔާދާސާ މިއަދު ވަނީ ވިދާޅުވެފަ އެވެ.