14 އޯގަސްޓް 2016 - 15:53

ރާއްޖޭގެ ގައުމީ ހާފް މެރެތަން ރެކޯޑް އަހުމަދު ޝަރަފް މިއަދު މުގުރާލައިފި އެވެ.
ޕުކެޓް މެރެތަންގައި 2014 ވަނަ އަހަރު 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ ހަދާފައިވާ ރެކޯޑް ޝަރަފް މިއަދު މުގުރާލީ މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ރޭސް ނިންމައިގެންނެވެ. އެކާވީސް ކިލޯމީޓަރުގެ މި ރޭހުގައި ޝަރަފް މި ހޯދީ 3:33 މިނެޓުގެ ކުރިއެރުމެކެވެ.
މިއީ އޭނާ ކުރިއަށް އޮތް ބާލިން މެރެތަން އަށް ތައްޔާރުވުމުގެ ގޮތުން ވާދަކުރި ރޭހެކެވެ. އޮލިމްޕިކް ކޮމިޓީން ދިގު މުއްދަތުގެ ތަމްރީންތަކަށް އިތިއޯޕިއާ އަށް ފޮނުވާފައިވާ ޝަރަފް، މި ވަގުތު ތަމްރީން ފުރިހަމަކުރަމުން އަންނަނީ މޮރޮކޯގަ އެވެ.
ނަސީރު އިސްމާއިލް 1994 ވަނަ އަހަރު 1 ގަޑި 19:23 މިނެޓުން ހެދި ހާފް މެރެތަން ރެކޯޑް އޭގެ 20 އަހަރު ފަހުން ރިޒާ މުގުރާލި އިރު، ޝަރަފް އެ ރެކޯޑް މި އާކުރީ ދެ އަހަރުގެ ތެރޭގަ އެވެ. އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުން އެއް ވަނަ ރާއްޖޭގެ ހަސަން ސާއިދު އިއްޔެ ހޯދާފައިވަނިކޮށް، ޝަރަފް މިއަދު މި ކާމިޔާބީ ހޯދިއިރު، މިއީ ނިސްބަތުން ބޮޑު ކުރިއެރުމެކެވެ.
މީގެ ފަސް އަހަރު ކުރިން ދުވުމުގެ ތެރެއަށް ވަން ޝަރަފް ވަނީ 2013 ވަނަ އަހަރުގެ ޕުކެޓް މެރެތަންގެ އުމުރުފުރާގެ ކެޓަގަރީން ތިން ވަނަ ހޯދައިފަ އެވެ. އަދި އޭނާ ވަނީ 2014 ވަނަ އަހަރުގެ ގައުމީ ހާފް މެރެތަން ޗެމްޕިއަންޝިޕުންނާއި މިޑްނައިޓް ރަންގެ ހާފް މެރެތަން އިން ދެ ވަނަ ހޯދައިފަ އެވެ.
ޝަރަފްގެ އެންމެ ބޮޑު ޓާގެޓަކީ ރާއްޖޭގެ މެރެތަން ރެކޯޑް މުގުރާލުމެވެ. އެ ރެކޯޑް އޮތީ 1989 ވަނަ އަހަރުގެ ސާފް ގޭމްސްގައި 2 ގަޑި 45:03 މިނެޓުން ރޭސް ނިންމި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އަތުގަ އެވެ.