މައްސަލަ ހައްލު ކުރަން އަވަސް އިންތިޚާބެއް ނުބާއްވާނަން: ސިރިސޭނާ
މައްސަލަ ހައްލު ކުރަން އަވަސް އިންތިޚާބެއް ނުބާއްވާނަން: ސިރިސޭނާ

ކޮލަމްބޯ (ނޮވެމްބަރު 9) - ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަ ހައްލު ކުރަން އަވަސް އިންތިޚާބެއް ވެސް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ނުނަގާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

"ޕާލަމެންޓް އުވާލުމުގެ ވިސްނުމެއް އަދި ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމެއް ވެސް ނެތް،" ރައީސް ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ރޯހަނާ ލަކްޝްމަން ޕިޔާދާސާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވީ އޮގަސްޓް 2020 ގައި ސިރިސޭނާގެ ދައުރު ހަމަވުމުގެ ކުރިން ޕާލަމެންޓް އުވާލުމަށް ފަހު އާ އިންތިޚާބެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރުމުން ދަނިކޮށެވެ.

ސިޔާސީ މައްސަލަގަނޑެއްގެ ތެރެއަށް ލަންކާ ވެއްޓުނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ މިދިޔަ މަހު 26 ވަނަ ދުވަހު ވަކިކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމާ ގުޅިގެންނެވެ. ރަނިލް ގެންދަވަނީ ގާނޫނީ ގޮތުން ބޮޑު ވަޒީރަކީ އޭނާ ކަމަށް ވިދާޅުވެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. އަނެއް ކޮޅުން ރާޖަޕަކްސާ ގެންދަވަނީ ސަރުކާރެއް އެކުލަވާލައި ގައުމު ހިންގުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޕާލަމެންޓް ހުޅުވަން މިހާރު ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. ޕާލަމެންޓް ހުޅުވުމާ އެކު އަޣުލަބިއްޔަތު އޮތީ ކޮން ޕާޓީއަކަށްތޯ ބަލަން ވޯޓެއް ނަގަން ޕާލަމެންޓުގެ ރައީސް ވަނީ ނިންމަވައިފަ އެވެ.