09 ނޮވެމްބަރ 2018 - 14:22

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެކި ދާއިރާތަކުން މިއަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންނަށް އެވޯޑް ދީފި އެވެ.

ރޭ ބޭއްވި "އެމްޑީ އެވޯޑްސް" ހަފުލާގައި، މި އަހަރު ހުރިހާ ދާއިރާ އަކުން އެންމެ ރަނގަޅު މުވައްޒަފުގެ މަގާމު ލިބުނީ ޕެސެންޖާ ސާވިސް ޑިޕާޓްމަންޓެގެ އަޝްޖާއު އަބްދުﷲ އަށެވެ. އަދި މެނޭޖްމަންޓް ލެވެލް އިން އެވޯޑް ލިބުނީ އަލީ ރަޝީދަށެވެ. ސޭފްޓީ އެވޯޑް މުހައްމަދު ނަސީމަށް، ކަސްޓަމަ ސާވިސް އެކްސްލެންސް އެވޯޑް އައިޝަތު ނަޝްވާ އާއި މަރިޔަމް ނީޒާ އަދި ޝަޒްލާ ހުސެއިނަށް ވަނީ ދީފަ އެވެ.

ހަފުލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަ އާދިލް މޫސާ ވިދާޅުވީ މިއަހަރު އެކުންފުނީގެ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓާއި މުވައްޒަފުން ކުރި އެރުވުމަށް އެތައް މަސައްކަތެއް ކުރެވުނު ކަމަށް އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ މި އަހަރު ނިމިގެންދާއިރު ކުންފުންޏަށް ވެސް ގިނަ ބަދަލު ތަކެއް އަންނާނެ ކަމަށެވެ. އެހެންކަމުން މިއީ އެކުންފުނީގެ މުވައްޒަފުންނާ މިފަދަ ހަފުލާއެއްގައި ބައްދަލު ކުރެވޭ އެންމެ ފަހު ފުރުސަތު ކަމަށް ވެދާނެ ކަމަށެވެ.
"2018 ވަނަ އަހަރު ނިމިގެން ދާއިރު ބޮޑު ބަދަލުތަކެއް އައިސްދާނެ. މިއީ މިފަދަ ހަފުލާއެއްގައި ހުރިހާ މުވައްޒަފުންނާ އެއްތަނަކުން ބައްދަލު ކުރެވޭނެ ފަހު ފުރުސަތު ކަމަށްވުން ވެސް އެކަށީގެންވޭ،" އާދިލް ވިދާޅުވި އެވެ.
މިއީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ދޭން ފެށި އެވޯޑެ ކެވެ. އާދިލް ވިދާޅުވި ގޮތުގައި ތިން ވަނަ އެވޯޑް ހަފުލާއާ ހިސާބަށް އާދެވުނު އިރު، މި އެވޯޑުގެ ސަބަބުން މުވައްޒަފުންނަށް ހިތްވަރު ލިބި ކަންކަން ރަނގަޅުވާތައް އެބަ ފެނެ އެވެ.