އިންތިފްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި
އިންތިފްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

ފިސްތޯލައެއް ގޮތަށް އަމިއްލަ އަށް އުފައްދާފައިވާ ބަޑިއެއް ގެންގުޅުނު ކަމަށް ބުނެ ހ. ހިލްޓަން އިންތިފް ރައޫފްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މއ. ގޯލްޑަން ބީމްގައި އިންތިފް ދިރިއުޅުނު އެޕާޓްމެންޓު ބަލައި ފާސް ކުރި އިރު އެތަނުން އެ ހަތިޔާރު ފެނިފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ފުލުހުން ފެނުމާ އެކު ސިޑިގޮޅިން އިންތިފް އެ ހަތިިޔާރު ވައްޓާލި ކަމަށް ދައުވާގައިވެ އެވެ. އެކަމަކު ދަށު ކޯޓުން މިމަހުގެ ތެރޭގައި ނިންމީ އެ ދައުވާ ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

މައްސަލަ އިސްތިއުނާފް ކުރުމުގެ ކުރިން އިންތިފް ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަކު ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

އިންތިފްގެ ގެއިން ފެނިފައިވަނީ ދަގަނޑު ކުދި ބޯޅަތަކެއް ލެއްވޭ ގޮތަށް ހަދާފައިވާ ބަޑިއެކެވެ. މީހަކަށް އަމާޒުކޮށް އެ ބޭނުންކޮށްފި ނަމަ ބޮޮޑު އަނިޔާއެއް ދެވިދާނެ ކަމަށް ބުނެ، ސިފައިން ތައްޔާރުކުރި ރިޕޯޓެއް ވެސް ދަށު ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.