އާސެނަލާއި ޗެލްސީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި
އާސެނަލާއި ޗެލްސީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި

ލަންޑަން (ނޮވެމްބަރު 9) - ރޭ ކުޅުނު މެޗުތަކުން ހޯދި ޕޮއިންޓްތަކާ އެކު އާސެނަލާއި ޗެލްސީން ބާކީ ދެ މެޗު އޮއްވާ ޔުއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުން ޖާގަ ޔަގީންކޮށްފި އެވެ.

އަމިއްލަ ދަނޑުގައި އާސެނަލް ކުޅުނު މެޗުން ވަނީ 0-0 އިން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ އެއްވަރުވެފަ އެވެ. ރަށުންބޭރުގައި ޗެލްސީ ވަނީ ރުމޭނިއާގެ ބާޓޭ ބޮރިސޯފް އަތުން 1-0 އިން މޮޅުވެފަ އެވެ. އާސެނަލާއި ޗެލްސީގެ އިތުރުން ހަތަރު ޓީމެއް ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެއީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއި އެއިންޓްރަކް ފްރެންކްފާޓް އާއި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އާއި ސްވިޒަލެންޑްގެ އެފްސީ ޒުރިޗް އަދި އިޓަލީގެ ލާޒިއޯ އެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު އާސެނަލުން ބަލިނުވެ 15 މެޗު ހަމަކުރި ނަމަވެސް މި މެޗުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހެދި ޑެނީ ވެލްބެކަށް ސީރިއަސް އަނިޔާއެއް ވުމެވެ. މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އާސެނަލަށް ލިބުނެވެ. ސްޕޯޓިން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 87 ވަނަ މިނިޓްގައި އެ ޓީމަށް ކުޅޭ ޖެރެމީ މަތިއު އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އާސެނަލްގެ ޕިއޭ އެމެރިކް އޮބާމަޔަން އަށް ފައުލުކުރުމުންނެވެ.

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޔުވެންޓަސް ބަލިވުމުން ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި މި ސީޒަނު ބަލިނުވެ އޮތް ޓީމަކީ މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީ އެވެ. ރޭ އެ ޓީމު ވަނީ އޮލިވިއޭ ޖިރޫޑް ޖެހި ހަމައެކަނި ގޯލުން މޮޅުވެ އެ މަގާމު ދަމަހައްޓައިފަ އެވެ.

މިއީ ސާރީ ޗެލްސީއާ ހަވާލުވި ފަހުން ޖިރޫޑް އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މެޗަށް ފަހު ސާރީ ބުނީ ޖިރޫޑަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަަމަށާއި މި ލަނޑާ އެކު އޭނާގެ ކޮންފިޑެންސަށް ރަނގަޅުވާނެ ކަމަށެވެ.

ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް ވަނީ ރަޝިއާގެ ސްޕާޓާ މޮސްކޯ އަތުން 4-3 އިން ބަލިވެފަ އެވެ. އާރްބީ ލިޕްޒިގު އަތުން 2-1 އިން ސެލްޓިކް މޮޅުވިއިރު، ލާޒިއޯ ވަނީ 2-1 އިން މާސޭ ބަލިކޮށްފަ އެވެ. އަދި އޭސީ މިލާނާއި ރެއާލް ބެޓިސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.