08 ނޮވެމްބަރ 2018 - 23:02

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މެލޭޝިއާގައި މިރޭ ބައްދަލު ކުރައްވައިފި އެވެ.
މައުމޫން އާއި އެމަނިކުފާނުގެ އާއިލާ މެލޭޝިއާއަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. ނާޒިމްގެ ބޭސްފަރުވާ އަށް އޭނާ އާއި އޭނާގެ އަނބިކަނބަލުން މެލޭޝިއާ އަށް ވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.
ނާޒިމް އާއި މައުމޫން މިރޭ ބައްދަލު ކުރެއްވިއިރު، މިއީ ނާޒިމްގެ ޖަލު ހުކުމް ފަސްކުރަން އަމުރު ކުރުމާ އެކު އޭނާ މިނިވަންވުމަށް ފަހު ސިޔާސީ ބޭފުޅަކާ ނާޒިމް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ނާޒިމް މެލޭޝިއާގައި ހުންނަވަނިކޮށް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކުރީ އޭނާގެ މައްސަލަ އަލުން ރިވިއު ކުރުމާ މެދު ގޮތެއް ނިންމަންދެނެވެ.
މައުމޫންގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދެ ދަރިކަނބަލުންގެ އިތުރުން ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ވެސް އެ ބޭފުޅުންނާ ބައްދަލު ކުރެއްވި އެވެ.