08 ނޮވެމްބަރ 2018 - 22:57

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިހާރު ސައުދީ އަރަބިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ އިސް ފަރާތްތަކުން އިބޫއާ ބައްދަލު ކުރައްވައިފި އެވެ.
އިބޫ ސައުދީއަށް ވަޑައިގަތީ އުމްރާ ދަތުރުފުޅެއްގަ އެވެ. އިބޫގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މިއީ މިދިޔަ ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު އިބޫ ސައުދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އިބޫގެ އޮފީހުން ކުރި ޓްވީޓެއްގައިވަނީ އެމަނިކުފާނު އުމްރާގެ އަޅުކަން އަދާ ކުރައްވާފައިވާ ކަމަށާއި އެ ދަތުރުފުޅުގައި ސައުދީގެ އިސް ފަރާތްތަކުން ވެސް އިބޫއާ ބައްދަލު ކުރައްވައި، މަރުހަބާ ދެންނެވި ކަމަށެވެ. އެކަމަކު އިބޫއާ ބައްދަލު ކުރެއްވީ ސައުދީގެ ކޮން ފަރާތްތަކެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އިބޫއާ ސައުދީގެ އިސް ފަރާތްތަކަކުން ބައްދަލު ކުރެއްވިއިރު، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާއި އެ ގައުމުގެ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ދަންނަވައިފަ އެވެ.