15 އޯގަސްޓް 2016 - 06:56

ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ވަނީ ވަރަށް ކާމިޔާބު ދެ ފިލްމެއް ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާ އެކު އުފައްދައިފަ އެވެ. އެއީ "ރާމް ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އެވެ. ބާންސާލީ އަލަށް އުފައްދަން އުޅޭ ފިލްމު "ޕަދްމާވަތީ"ގައި ލީޑް ރޯލު ކުޅެނީ ވެސް މި ދެ އެކްޓަރުން ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފަ އެވެ.
ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ޕަދްމާވަތީ"ގެ ބަތަލަކީ ރަންވީރެއް ނޫނެވެ. ޝާހްރުކް ޚާނެވެ. މި ޚަބަރަކީ ތެދެއް ނަމަ މިއީ "ދޭވްދާސް" އަށް ފަހު ބާންސާލީ އާއި ޝާހްރުކް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމަށް ވާނެ އެވެ.
މިޑް ޑޭ ނޫހުން ބުނާ ގޮތުން ބާންސާލީ މިހާރު ހުރީ ރަންވީރާ މެދު ވަރަށް ހިތްހަމަނުޖެހިފަ އެވެ.
ބާންސާލީ ރުޅި އައީ "ޕަދްމާވަތީ" ކުޅެން ރަންވީރަށް ބާންސާލީ ހުށަހެޅުމުން ސްކްރީންޕްލޭގެ ކޮޕީއެއް ދޭން އެދުމުންނެވެ.
ރަންވީރު ކުޅޭގޮތަށް ހަމަޖެހިފައި އޮތީ އަލާއުއްދީން ޚިލްޖީ ކިޔާ ކެރެކްޓާ އެކެވެ. މިއީ މޭވަރްގެ ރާނީ ޕަދްމާވަތީ (ދީޕިކާ ޕަދުކޯން) އާ ހެދި މޮޔަވެފައި ހުންނަ މީހެކެވެ.
މިހާރު ލަފާކުރެވޭ ގޮތުން ރަންވީރު ލައްވާ އިތުރަށް މި ރޯލު ނުކުޅުވަން ބާންސާލީ ވަނީ ގަސްތުކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި އެހެން އެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ރޯލު ލިބުމުގެ ފުރުސަތު މިހާރު އެންމެ ބޮޑީ ޝާހްރުކް އަށް ކަމަށް ވެ އެވެ.
މި ފިލްމުގައި ދީޕިކާގެ ފިރިމީހާގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ވެސް ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ އެވެ. އެންމެ ފަހުން ފެތުރުނު ޚަބަރަކީ އެ ރޯލަށް ފަވާދު ޚާން ހަމަޖެހިފައިވާ ކަމުގެ ވާހަކަ އެވެ. ނަމަވެސް ފަވާދު ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ރޯލު އޭނާއަށް ކުޅެން ހުށަހަޅާފައެއް ވެސް ނުވެ އެވެ.
ރަންވީރު ސިންގް މިހާރު ކުޅެމުން ދަނީ އަދިތުޔާ ޗޯޕްރާ ޑައިރެކްޓްކުރާ "ބޭފިކްރޭ" އެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.