ޑިސްޕްލޭގައި ކެމެރާއެއް، ލޯވަޅެއް ނޫން
ޑިސްޕްލޭގައި ކެމެރާއެއް، ލޯވަޅެއް ނޫން

ޑިސްޕްލޭގައި "ނޮޗް"އެއް ނެތް ނަމަ، ފޯނުން ބައެއް އުނިވީ އެވެ. ޒަމާނަށް ނުފެތުނީ އެވެ. ސްމާޓްފޯނަކަށް ވެސް ނުވީ އެވެ. ހަގީގަތުގައި ޑިސްޕްލޭއިން ބައެއް އުނިވަނީ "ނޮޗް" އިންނަން ޖެހޭތީ އެވެ. "ނޮޗް ޑިސްޕްލޭ" ކިޔަނީ ސްކްރީނުގެ މަތީ ކޮޅުން ތަންގަނޑެއް ކާލާފައި ހުންނާތީ އެވެ.

ސެމްސަންގުން ވެސް "ނޮޗް ޑިސްޕްލޭ"ތަކެއް ދައްކާލައިފި އެވެ. ހީވަނީ ކޮންމެވެސް ބަޔަކަށް ކޮށްފައި ހުރި މަލާލާތެއްހެންނެވެ. ސެމްސަންގުން ދައްކާލި ނޮޗް ޑިސްޕްލޭތައް، އެހެން ގޮތަކަށް މާނަނުކުރާހާ ހިނދު ދޭހަވަނީ، "ނޮޗް" ޑިސްޕްލޭއަކަށް ހެދުމަށް ސްކްރީންގެ ކޮޮންމެ ތަނެއްގައި ވެސް ބާގަނޑެއް ނުވަތަ ލޯވަޅެއް އެޅިދާނެ ކަމެވެ.

ސެމްސަންގުން ޑިޒައިންކުރި ނޮޗްތަކަށް ވަނީ ނަންތަކެއް ވެސް ޚާއްސަކޮށްފަ އެވެ. އެ ގޮތުގައި، "އިންފިނިޓީ-ޔޫ" ވައްތަރުކުރެވެނީ އެސެންޝަލް ފޯނުގެ ޑިސްޕްލޭއާ އެވެ. "އިންފިނިޓީ-ވީ" ވަކި ފޯކަނަށް ނިސްބަތްނުކުރެވުނު ނަމަވެސް އެވެސް ނޮޗެކެވެ. "އިންފިނިޓީ-އޯ" ވައްތަރުކުރެވޭނީ ބުރުމާ ކައްޓަކުން ޑިސްޕްލޭ ތޮރުފާލުމުން ހުންނަ ގޮތާ އެވެ. "ނިއު-އިންފިނިޓީ"ގެ ނަމުން ނަން ދީފައި ވަނީ ޑިސްޕްލޭގައި ބާގަނޑެއް ނުވަތަ ލޯވަޅެއް ނެތަތީ އެވެ. މިއީ ފުލް ޑިސްޕްލޭއެކެވެ. ބެލެވޭ ގޮތުގައި ކެމެރާތައް އަދި ސެންސަރުތައް ޑިސްޕްލޭ ދަށަށްލައި ވަޅުލުމުން ހުންނާނީ މިހެންނެވެ.

ސެމްސަންގް އަކީ ނޮޗް ޑިސްޕްލޭތައް ކަމުދާ ކުންފުންޏެއް ނޫނެވެ. އެހެން ނޫން ނަމަ ޑިސްޕްލޭތަކުން ކޮންމެވެސް ޒާތެއްގެ ބާގަނޑެއް ފަހުގެ ގެލަކްސީ ފޯނުތަކުން ފެނުނީހެވެ.

ސްމާޓްފޯން މާކެޓަށް ނޮޗް ޑިޒައިންތަކެއް ސެމްސަންގުން ތައާރުފުކުރި ނަމަވެސް، ކޮންމެ ކޮންމެ ޑިޒައިނެއް ސެމްސަންގުން އިޚުތިޔާރުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ތައާރުފުވެ ދިޔަ ޑިޒައިންތަކުގެ ތެރެއިން ވެސް، ސެމްސަންގް އިޚުތިޔާރުކުރާނެ ކަމަށް ބެލެވެނީ "ނޮޗް-އޯ" އެވެ. އެ ނޫން ގޮތެއްގައި "ނިއު-އިންފިނިޓީ" ޑިސްޕްލޭތަކެވެ.